ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެންނެވެ. މުބާރާތުގެ ތީމްއަކީ "ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވަށްޓެރި ފުލުހުން" އެވެ.

މި މުބާރާތަކީ 16 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަަމަށާއި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގެ އެއް ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހޮވާލެވޭ އެންމެ ރަނގަޅު 10 ކުރެހުމަކަށް ވެސް ހަދިޔާ ލިބޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގެ ކުރެހުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހެއެވެ. މި މުބާރާތުގެ ކުރެހުންތައް ކޮންމެ ޕޮލިސް ސްޓޭޝަނަކަށްވެސް ހުށަހެޅިދާނެއެވެ.