މާލެ ރާޅުގަނޑު ސަރަހައްދުގައި ބްރިޖު ވިއު ޕްލެޓްފޯމާ އިންވެގެން ހަދާފައި ހުރި، ނިއުޕޯޓް ރެސްޓޯރެންޓް ހިންގި ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ގުދަނުގައި ހުރި މުދަލަށް ލިބުނު ގެއްލުން ސާބިތުކޮށް ނުދެވުމުން، އެކަމުގެ ދަލު މާލޭ ސިޓީ ކައުންސިލުން ނަގައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެއްވެސް އެންގުމަކާ ނުލައި މާލޭ ސިޓީ ކައުންސިލުން އެ ގުދަން ރޫޅާލައި އެތަނުގައި ހުރި މުދާތައް ވަނީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މައްސަލަ ސްޓްރާޑާއިން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރެވެ.

އެކުންފުނިން ސިވިލް ކޯޓުގައި އެދިފައިވަނީ އެކަމަކީ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ބޭރު އަމަލެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ގުދަނުގައި ހުރި މުދާތަކަށް އެ ކައުންސިލުން ޒިންމާވާން ޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކައުންސިލުން އެ ކުންފުންޏަށް 741،820 ޑޮލަރު (11،438،864ރ.) ނަގައިދިނުމަށެވެ.

އެކަމަކު، ސިޓީ ކައުންސިލުން ބުނެފައިވަނީ ދައުވާގައި ބަޔާންކޮށްފައިވާ މުދާ އެތަނުގައި ބެހެއްޓުމުގެ ހައްގެއް އެކުންފުންޏަކަށް ނޯންނާނެ ކަމަށެވެ.

މިގޮތުން، މާޗު 7، 2019 އިން ފެށިގެން އެތަން ބޭނުންކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި އެ ބިން ބޭނުންކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެން ނުވާކަން ކޯޓުތަކުގެ ނިންމުންތަކުގައި ކަނޑައަޅާފައި ވާތީ، އެ ބިމުގައި ހުރި އިމާރާތްތަކާ މެދު ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުން ގޮތަކަށް މުއާމަލާތްކުރުމަކީ ދައުލަތަށް ނުވަތަ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ލިބޭ ބާރެއް ކަމަށް ބުނެފައިވެއެވެ.

ކައުންސިލުން ބުނީ ގުދަން ނަގަން ޖެހުނީ، އެ ގުދަނުގެ ފުރާޅާއި ބިތްގަނޑުގެ ބައެއް މާލެ އަށް ކުރި ވިއްސާރައިގައި ގަދަވަޔާ އެކު އެއްލާލައި، ބައެއް ޓިނުތައް ވަޔާ އެކު މަގުމައްޗަށް ދިއުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ވެހިކަލްތަކަށާއި އާންމުންނަށް ބިރަކަށްވެ، ގެއްލުން ވެދާނެތީ ކަމަށެވެ.

އެ މައްސަލައިގާ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ ގުދަން ރޫޅާލައި، އެތަނުގައި ހުރި މުދާތައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ ކައުންސިލަށް ލިބިފައިވާ ބާރުގެ ބޭރުން ކަމަށް ކަނޑައަޅާފައެވެ.

އެކަމަކު، ސްޓްރާޑާ އަށް ލިބުނު ގެއްލުން ކަމަށް ބުނެ ހުށަހެޅި ކަންކަމުން، ލިބުނު ގެއްލުމުގެ މިންވަރު ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ބުނެފައިވެއެވެ.

ލިބުނު ގެއްލުން ބަޔާންކުރުމަށް ހުށަހަޅާފައިވާ ލޮސް އެސެސްމަންޓް ރިޕޯޓްގައި ބަލާފައިވަނީ ސްޓްރާޑާ އިން ދީފައިވާ އިންވޮއިސްތަކާއި އިންވެންޓްރީ ލިސްޓަކަށް ކަމަށްވާ އިރު، ފަސް އިންވޮއިސްގެ ތެރޭގައި އޮތީ ސްޓްރާޑާގެ ނަމުގައި އޮތް އެންމެ އިންވޮއިސްއެއް ކަމަށާއި ދެން ހުރީ ސްޓްރާޑާ ކޮންސްޓްރަކްޝަން އާއި އެއް ހިއްސާދާރު ޒާހިދު ރަމީޒްގެ ނަމުގައި ހުރި އިންވޮއިސްތަކެއް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

ނިއުޕޯޓް ހިންގި ބިމާއި އެތަނާ ގުޅިފައިވާ އެހެން ބިންތަކުގެ މައްސަލަވެސް މިހާރުވެސް ކޯޓުތަކުގައި އަންނަނީ ކުރިޔަށް ދަމުންނެވެ.