ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި 1،668 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 1،668 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާނެ ކަމަށެވެ.

މިހާތަނަށް ކެމެރާ ހަރުކޮށްފައިވަނީ ޓަވަރު 16 އިން ފަހަކަށެވެ. ކެމެރާ ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ކޮށްފައިވަނީ ހަތަރު ފޭސް އަކަށް ބަހާލައިގެންނެވެ. އެއީ ޓަވަރު 16 އިން 13 އަށް، ޓަވަރު ފަހަކުން އަށަކަށް، ޓަވަރު ނުވައަކުން 12 އަށް އަދި ޓަވަރު އެކަކުން ހަތަރަކަށެވެ.

ޓަވަރުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ އަދަދަކީ:

  • ޓަވަރު 5 - 222 ކެމެރާ
  • ޓަވަރު 6 - 195 ކެމެރާ
  • ޓަވަރު 7 - 195 ކެމެރާ
  • ޓަވަރު 8 - 222 ކެމެރާ
  • ޓަވަރު 9 - 222 ކެމެރާ
  • ޓަވަރު 10 - 195 ކެމެރާ
  • ޓަވަރު 11 - 195 ކެމެރާ
  • ޓަވަރު 12 - 222 ކެމެރާ
ހިޔާ ފްލެޓްތަކުގައި ލާފައިވާ ސީސީޓީވީ ކެމެރާތައް މޮނީޓާ ކުރާ ތަން
--- ފޮޓޯ: އެޗްޑީސީ

އެޗްޑީސީސީއިން ބުނީ ހިޔާ ޓަވަރުގެ އެކަކުން ފެށިގެން ހަތަރަކަށް ސީސީޓީވީ ކެމެރާ ލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސް ނިމޭއިރު އެ މަސައްކަތް ނިމޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އެޅިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފަންގިފިލާއިން 200 އަށްވުރެ ގިނަ ފްލެޓް ތަޅާލައިފައެވެ.

އެއީ އެތަންތަނުގައި ވިޔަފާރިތަކާއި ބައެއް އަސަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ތަންތަން ހެދުމަށެވެ. ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އެކަންކަން ކުރުމަށް އިތުރު އިމާރާތްތަކެއް ހިޔާ ފްލެޓްތައް ކައިރީގައި އިމާރާތް ކުރާށެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީން ސީސީޓީވީ ކެމެރާ ހަރުކުރަން ފަށާފައިވާއިރު އެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ކުށްތައް ކުރުން ވަނީ ގިނަވެފައެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ގިނައެވެ.