ބަލިޖެހުން ދުރު އަލައިގެ ވައްތަރެއް ރާއްޖެއަށް ގެނެސް އިންދަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާ ކަމަށެވެ.

އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކެންޔާއިން ޓާރޯލީފް ބްލައިޓް ބަލިޖެހުން ދުރު އަލައިގެ ވައްތަރެއްގެ މުޑުވަކެއް ގެނެސްފައިވާ ކަމަށެވެ.

އެ އަލަ ދިރާސާ ކުރުމުގެ ބޭނުމަށް ރާއްޖޭގައި އިންދުމުގެ މަސައްކަތް ގދ. ވާދޫގައި ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ.

އެ މަސައްކަތް ދަނޑުވެރިންނާއެކު ފައްޓަވައިދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ހުސެއިން ރަޝީދު ހަސަން އެވެ.

ޓާރޯ ލީފް ބްލައިޓް ބަލި ޖެހޭ ގަސްތަކުގެ ފަތްތަކުގައި ލަފެއް ޖެހުމަށްފަހު އެ ލަށް ބޮޑުވެ، ފެތުރި މުޅި ފަތް ރީނދޫވެ ގަސް މަރުވެދެ އެވެ. އަދި އެ ބަލި ޖެހޭ ގަސްތަކުން އަލައެއް ހެދުނަސް އެ އަލައެއް ކެވޭ ވަރެއް ނުވެ އެވެ.