އަންނަ އަހަރު ވެސް ސަރުކާރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް އެގޮތަށް ވިދާޅުވި އިރު، މި އަހަރު ވެސް ސަރުކާރުން އަމާޒު ހިފީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު، ދެ މިލިއަން ފަތުރުވެރިން ހަމަވެފައެއް ނުވެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާރސް ބައްދަލުވުމުގެ ސެމިނާރގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ކޮވިޑަށް ފަހު ކުރިމަތިވި ގޮންޖެހުންތަކާއި މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. މިގޮތުން ކޮވިޑުގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑަށް އަސަރުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި މުހިއްމު ކަންކަން:

  • ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ %47
  • ފަތުރުވެރިކަމަކީ ރާއްޖެއަށް ލިބޭ އާމްދަނީގެ %46
  • ކޮވިޑާ ގުޅިގެން ފަތުރުވެރިކަން މުޅިންހެން ހުއްޓުނު

އެކަންކަން ފާހަގަކުރައްވާ މައުސޫމް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑުން އަރައިގެންފައިވާ ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ފަސޭހައަކީ ރާއްޖެއަށް ވަފާތެރި ފަތުރުވެރިން ގިނަވުން ކަމަށެވެ. މިގޮތުން، އާންމުކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އެއްފަހަރަށްވުރެ ގިނައިން ރާއްޖެ އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ރާއްޖެއަށް ލޯބި ޖެހިފައިވާ ވަފާތެރި ފަތުރުވެރިން ކޮވިޑަށްފަހު އިތުރުވުމަކީ ވެސް ކުރީގެ ހާލަތަށް ބަދަލުވުމުގައި އެހީވެދިން ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަން ކުރިއެރުވުމަށް:

  • މިއަހަރު މުޅިން އަލަށް 10 ރިސޯޓު ހުޅުވޭނެ ކަމަށް ވިދާޅުވި
  • މީގެ ފަހުން ކޮންމެ އަހަރަކު 8000 އެނދު އިތުރުވާނެ ކަމަށް ވިދާޅުވި

ސަރުކާރުން މިހާރު ޓާގެޓް ކުރަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުމެވެ. އެ އަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ކަނޑައަޅާފައި މިވަނީ ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ތައްޔާރުވަމުން ދަނިކޮށެވެ.

ކޮވިޑަށް ފަހު ބޯޑަރު ހުޅުވާލުމަށްފަހު ސަރުކާރުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.