ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްއާ އެކުގައި ބަޖެޓް އެއާލައިންތައް ރާއްޖެ އައުމުގެ ފުރުސަތު ލިބި ގެސްޓް ހައުސްތައް ފުރޭނެ ދުވަހަކަށް އުންމީދު ކުރައްވާ ކަމަށް ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ މާބޮޑު ގުދުރަތީ ވަސީލަތެއް ނެތް މި ކުޑަ ރާއްޖެ ދެކުނު އޭޝިޔާގެ ޖީޑީޕީގެ ނިސްބަތުން އެންމެ މުއްސަދި ގައުމަކަށް ވެފައިވަނީ ފަތުރުވެރިކަމުގެ ސަބަބުން ކަމަށެވެ.

ނަޝީދު ވިދާޅުވީ 1972 ވަނަ އަހަރު ފަތުރުވެރިކަމުން ލިބޭ ފައިދާ އިން ކޮންމެ ރައްޔިތެއްގެ ބޮލަކަށް ޖެހުނީ 446 ޑޮލަރު ކަމަށެވެ. ނަމަވެސް 2019 ނިމުނިއިރު އެ އަދަދު ވަނީ 10،480 ޑޮލަރަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރު ކުރާ މީހުންގެ 70 އިންސައްތަ އަކީ ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަ ނުކުރެވޭ ބައެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އަންނަ އޮތް ޖީލްތަކަށް ވާސިލް ކޮށްދެވޭނީ އެ ސިނާއަތަކީ ހުރިހާ ގިންތިއަކަށް އަދި ހުރިހާ ފަންތިއަކަށް މާލީ ނަފާވެރިކަން ހޯދޭނެ ސިނާއަތަކަށް ހަދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަބްދުﷲ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑަކީ އެއާޕޯޓްގައި އިލެކްޓްރޯނިކްސް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް. 2008 ވަނަ އަހަރު އަޅުގަނޑު 24 އެނދުގެ ގެސްޓް ހައުސްއެއް އަޅައިގެން އަޅުގަނޑާއި އަންހެނުން ކުރި ހިތްވަރުން މި ވަނީ 490 އެނދާއެކު ގެސްޓްހައުސް އިންޓަސްޓްރީގެ އެންމެ އުސް ހަރުފަތަށް އާދެވިފައި." ކ. މާފުށީގައި ހިންގަމުން އަންނަ ކާނި ހޮޓެލްސްގެ ވެރިއަކަށް ވެސް ހުންނެވި ނަޝީދު ވިދާޅުވިއެވެ.

ޓޫރިޒަމަށް 50 އަހަރު ފުރޭއިރު ރިސޯޓްތަކުގައި ހުރި 40،053 އެނދު 50 އަހަރަށް ބަހާލައިފިނަމަ އަހަރަކަށް ޖެހެނީ 800 އެނދުގެ އިތުރުވުމެއް ކަން ފާހަގަކުރައްވަމުން އަބްދުﷲ ވިދާޅުވީ ގެސްޓް ހައުސް އިންޑަސްޓްރީއަށް 12 އަހަރު ފުރުނުއިރުގައި 15562 އެނދާއެކު އަހަރު އިތުރުވި ރޭޓް ވަނީ 1300 އަށް އަރާފައި ކަމަށެވެ. އެކަމުން ދައްކައިދެނީ އާންމު ފަރުދުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބިގެންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހަނިމާދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށްވުމުން އުތުރުގެ އަތޮޅުތަކަށް ގެސްޓް ހައުސް ޓޫރިޒަމް ފުޅާވެގެންދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް. މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދާތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑު ދެކޭ ގޮތުގައި ގެސްޓްހައުސް އިންޑަސްޓްރީ އެންމެ ފުޅާވެފައިވާ މާފުށީގެ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ފަދައިން ރާއްޖޭގެ އުތުރާއި ދެކުނުގައި ދިރިއުޅޭ ހުރިހާ ރަށްޔިތުން ވެސް އެކަމަށް އެދޭނެކަން ކަށަވަރު. އިރާދަކުރެއްވިޔާ މާދުރު ނޫން މުސްތަގްބަލެއްގައި ޓޫރިޒަމްގެ ހަގީގީ ފައިދާ ފެނިގެން ދާނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގެސްޓް ހައުސް އިންޑަސްޓްރީއަކީ މީގެ ކުރިން ސަރުކާރުން މާބޮޑު އަހަންމިއްޔަތު ކަމެއް ދިން ދާއިރާއެއް ނޫން ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އެ ދާއިރާ ބާކީ ނުކޮށް ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއެރުވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވެވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުﷲ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އަދި ރާއްޖެއަށް ލިބިފަ އިމިވާ ރީތި ނަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެއުމަށް ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއިން ތަރައްގީ ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގެ ޓޫރިޒަމް އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ގެ ވާހަކަ ނިންމަވާލެއްވީ އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ދެ މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާއަށް ދަންނަވާނީ އެ އަހަރުގެ 31 ޑިސެމްބަރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބީރުމީހާ

    ހަނިމާދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށްވުމުން އުތުރުގެ އަތޮޅުތަކަށް ގެސްޓް ހައުސް ޓޫރިޒަމް ފުޅާވެގެންދާނެ މިހާރުވެސް އިންޓާމޭޝަނަލް

    1
    3
  2. ޓ

    އެމްޑީޕީ އެކްޓިވިސްޓެއް..............ސޯލިހޭ ....ހަނދާންނަށްތާލާ
    ދީނަށް ލޯތްބެއް ނެތް ވެރިއެއް....

  3. ޔ

    އަބްދުﷲް 2019 ކިޔަން ދޯ ކެރުނީ 2018 ފެށުނުއިރު ބޮލަކަށް 10 ހާސް ޑޮލަރ ޖެއްސި....

  4. ބޮޑުބެ

    އަބްދުﷲ ކައިރީގާ ބުނެލަން އޮތީ އުއްމީދު ކުރިޔަސް ވެރިކަމަށް ބޮލުގައި ތެއްކަމެއްނެތް މީހަކުހުއްޓާ އެއްވެސް ތަނެއް ނުފުރޭނެއޭ ޤައުމު މިއޮއް އޮޔާދަނީ އޭ އަބްދުﷲ ވެސް ބޮލުގާ ތެއްކަމެއް ހުރިއްޔާ 2023 ތި މެގަ ޕޮރްޖެކްޓް ފައްޓަވާ ފެންނަން ތިހުރި ތަންތަން ގެނެސްދެއްވި ވިސްނުންތޫނު ބޭފުޅާ ރައީސް ޔާމީން 2023 ޚިޔާކުރައްވާށޭ
    އިންޝާﷲ ހުރިހާތަނެއް ފުރި ބަންޑުވެސް ދާނޭ

  5. ޙާމަ

    ޢެންމް މުއްސަދި ގައުމޭ ކިޔާއިރު ރައްޔިތުން އުޅެންޖެހޭ ބިކަހާލު ނިކަން ވިސްނާލަބަލަ...އަމިއްލަ ގައުމުގަ ބޯހިޔާވަހިކަމެއްނެތި އުޅެްމިޖެހެނީ ލިބޭ ހުރިހާ ލާރިކޮޅު ކުއްޔައް ދީގެން...ކޮބާ ގައުމު މުއްސަދިވުމުފެ ބޭނުމަލީ،،،