އއ. ރަސްދޫގައި ހޮސްޕިޓަލެއް އެޅުމަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ލޯން ހަމަޖެހޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެގޮތަށް ވިދާޅުވީ ރަސްދޫގައި ހޮސްޕިޓަލް އެޅުމާ ގުޅޭ ގޮތުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

ޝިޔާން ވަނީ ރަސްދޫގައި އަޅާ ހޮސްޕިޓަލުގެ ކުރެހުމާއި ބީއޯކިއު ނިންމާ ބިޑުކޮށް ކޮންޓްރެކްޓަރު ހޯދަން ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައި އޮތް އިރު އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާތޯ ސުވާލު ކުރައްވައިފައެވެ.

އަދި ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނީ ކޮން އިރަކުތޯ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވާ ގޮތުގައި ރަސްދޫ ހޮސްޕިޓަލުގެ ބީލަމާ ގުޅޭ ލިޔުންތައް މިދިޔަ މަހުގެ 12 ވަނަ ދުވަހު ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވޮލޮޕްމަންޓް (ކޭއެފްއޭއީޑީ)އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފަންޑުން އެ ލިޔުންތައް ދިރާސާކޮށް "ނޯ އޮބްޖެކްޝަން" ގެ ސިޓީ މިނިސްޓްރީއަށް ލިބުނުހާ އަވަހަކަށް ބީލަމަށް ލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަޝްރޫއުގެ ލޯނު އެގްރިމަންޓާ ގުޅޭ މަޝްވަރާތައް ކޭއެފްއޭއީޑީއާއެކު މި މިނިސްޓްރީން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ. މި މަޝްވަރާތަކަށް ފަހު ކޭއެފްއޭއީޑީއާއެކު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ލޯން އެގްރިމަންޓްގައި ސޮއި ކުރެވޭނެ ވާހަކަ ދެންނެވީމެވެ" އަމީރުގެ ޖަވާބުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޯރަ އިއްބެ

    ތިޔަ ހޮސްޕިޓަލް އަޅާބަލާ ނިކަން ތޮއްޑޫގަ...ދެމީހުނާފަޅި ތިބޭތާކު ކީއްކުރާ ހޮސްޕިޓަލް އެއް.. މިހާރުގެ ހޮސްޕިޓާ އެމީހުނަށް ފުދޭނެ...އާބާދީ ބޮޑު ތަނެއްގައި ތި ހޮސްޕިޓަލް އެޅުމަށް ގޮވާލަން

    12
    1
  2. އަމީރަކަށްނުވާ އަމީރު

    މަށަށް ހީވަނީ މަސްވެރިންބާނާ މަސްތަކުގެ ތެރޭގައިހެން ތިޔަ އެގްރިމެންޓްގައި ސޮއިކުރެވޭނީ.

    10
  3. އަލީ

    ހޮސްޕިޓަލެއް އަޅަންވިއަސް ލޯނު ، ރަށެއްގެ ނެރުބައްތި އެއެް ޖަހަން ޖެހުނަސް ލޯނު ، މިގައުމު ލޯނުތަކުން ސަލާމަތްވާނެ ގޮތެއް އޮންނާނެބާ ؟؟؟؟

  4. ދަރަނި ދަންތުރަ

    ލޯނު ލޯނު ލޯނު ސާބަސް އަމީރޫ ކަލެޔަށް ، މިފަސްއަހަރު ނިމޭއިރު ހުރިހާ ދިވެހިންގެ ކިޑުނީތަށް ވެސް ވިއްކާ ހުސްކުރާތި

  5. ޑައެލޯގް

    ލޯނު ނުނަގަންބުނި ސަރުކާރު ނޭވާލެވެނީވެސް ލޯނުންނެވެ. ކޮބާ އިބޫ އަދިވެސް ޔާމީނުލޯނުނަގަނިއްޔޭ ކިޔައިގެން އަނގަނުވީދޭތި

  6. މެކް

    ބަލަގަ އެއްވެސް ކަމެއްނުކުރެވޭތަ ލޯންނުނަގާ އިސްތިއުފާ އިސްތިއުފާ