އއ. ރަސްދޫގެ ހައުސިން ޔުނިޓްތައް އަޅަން މި މަހު ހަވާލު ކުރެވޭތާ ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު އެގޮތަށް ވިދާޅުވީ ރަސްދޫ ހިމެނޭ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝިޔާން ލިއުމުން ހުށަހެޅުއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބެއްގަ އެވެ.

ޝިޔާން ސުވާލު ކުރެއްވީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށަން ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެ ކަމަށް ބެލެވޭ ތާރީހާއި ގުޅޭ ގޮތުންނެވެ. މި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ފެށޭނެތޯއާއި އަދި އެތަނުގައި މީހުން ދިރިއުޅެވޭނެ ކަމަށް ލަފާ ކުރެވޭ ތާރީހުވެސް އޭނާ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ އެ މަޝްރޫއުގެ ބީލަށް ހުޅުވައި އިވެލުއޭޝަންވެސް މިހާރު ހަދާފައިވާ ކަމަށެވެ.

މިހާރު އޮތީ ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި ކަމަށާއި އެކަން ނިންމައި މި މަހުގެ ތެރޭގައި އެ މަަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިން ޔުނިޓްތައް ނިންމައި މީހުން ދިރިއުޅެން ފެށޭނެ ކަމަށް ލަފާ ކުރާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ރަސްދޫގައި ހަދަން ނިންމާފައި ވަނީ ހަތަރު ބުރީގެ 50 ހައުސިން ޔުނިޓް އެވެ. ރަސްދޫގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު އެރަށުން ގޯތި ދޫނުކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެެވެ.

އެ ރަށުގައި ގޯތި ދޭނެ ބިމެއް ނެތް އިރު ބިން ހިއްކާނެ ޖާގައެއް ފަޅުތެރޭގައި ވެސް ނެތް ކަމަށް ކައުންސިލުން ބުނެެއެވެ.