މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ އިވެލުއޭޝަން ރިޕޯޓު އަންނަ ޖޫން މަހު ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖީލިހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ސަލީމް އެއްސެވީ މާލޭ ސަރަހައްދުން ގޯތި ދިނުމުގެ ކަންކަން މިހާރު ގޮސްފައި އޮތް ހިސާބާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމިޓީއަކުން މިހާރު ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކު ނުބައްލަވާ ކަމަށާއި ނަމަވެސް އެ އިވެލުއޭޝަންތައް ނިމުމުން ކޮމިޓީން ރިޕޯޓްކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ލިބިފައި އޮތް މައުލޫމާތުގައި އެ ބޭފުޅުންގެ މަސައްކަތް ނިންމާ އަޅުގަނޑާ ހަމައަށް ރިޕޯޓުކުރެވޭ ވަރު ވާނީ މެއިގެ ނިޔަލަށް، ޖޫން މަހުގެ ކުރީކޮޅު،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ 5000 ގޯތި ދޫކުރަން ނިންމައިފައެވެ.

އެ މަޝްރޫއުގެ ދަށުން ތިން ސައިޒެއްގެ ގޯތި ދޫކުރާނެއެވެ. އޭގެ ތެރެއިން އެންމެ ކުޑަ ސައިޒެއްގެ ގޮތުގައި 1250 އަކަފޫޓު ހުންނައިރު އެންމެ ބޮޑު ސައިޒެއްގެ ގޮތުގައި ދޫކުރަނީ 4000 އަކަފޫޓުގެ ގޯއްޗެވެ.

އެ ގޯތިތަކަށް 15،164 މީހުން ކުރިމަތިލާފައިވެއެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މި މަހު އާންމު ކުރާނެ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބުނި ނަމަވެސް އެ ލިސްޓު އާންމެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މެކުނު

    މިނިސްޓަރުގެ ވިދާޅުވުން ރަނގަޅުނަމަ އުފާވެރި ކަމެކެވެ. އެކަމު މަސްއަލައަކީ އަމީނީމަގުގެ ތާރުއެޅުމުގެ ސްޕީޑްއަށް ވެދާނެތީއެވެ. ތިލަމާލޭ ބުރިޖުގެ ތާރީޚް ތަކަށް ވެދާނެތީއެވެ. އަޅެ އިގިދާނެތާ.... ބަލަ ވަޒީރޫ އިތުރު ތާރީޚެއްނުދީ ނިކަން ކޮށްލަބަލަ.. ވަރަށް ސަލާމް.

  2. ނިއުމާ

    މާޗް މަހު ދޭނަމޭ ކިޔާ ގުނބޯ ހައްދާފަ ، މިހާރު އެހެރީ ޕްރައިމަރީ ކާމިޔާބުކޮށްގެން . ވޯޓައް ދެދުވަހައްވީމަ އުޅެލާ .

    12
  3. ލޯންލީ

    އަދި މާލޭން މީހުން ނައް ގޯތިދޭންވީމަ ކޮން އިވެލުއޭޓެކޭ ތަ މިކިޔަނީ . ޔާމިނު ނެރުންނޫނގޮތެއްނެއ . ކައިފަ ވެސް ކަންކަން ކޮއްދީފިވިއްޔަ .

    9
    1
  4. ކުރިން ސޯލިހު ފެކްޝަން މިހާރު ގާސިމު ޕާޓީ ދެން ލުލް

    ކަލޯ އަސްލަމުއެވެ މާލޭ ސަރަހައްދެކޭ އަތޮޅުތެރޭ ސަރަހައްދޭ ނުކިޔާ ހަވަރު ތިނަދޫގަ ޔާމިނު ސަރުކާރުން ހިއްކާފަ އެއޮތް 64 ހެކްޓަރު ބިމުން ގޯތި ދޫކުރަން ހުއްދަދޭންވީ އިގިއްޖޭ. ވަރަށް ސާފު ދިވެހިބަހުން މިބުނަނީ ހަވަރު ތިނަދޫއިން ގޯތި ދޫނުކުރަނީސް މިސަރުކާރަށް ކުރާނެ ތާއީދެއް ނޯންނާނެ. އެކަމަކު ވަގުތު ކައިރި ވީމާ ގޯތި ދޭން ހުއްދަދިނީމާ ގޮވާނީ އަތަށް

  5. ލޮނުލިނބޯ

    މާލެ މީހުނައް ހުނާނީ ލޮލުލިންބޯކެވިފަ . އަސްލަންޓެ ހިފަހައްޓާލާތި !

    6
    3
    • ހާލުފޮޅި

      މާލެ މީހުނަށް ކަމެއް ކޮށްދޭން ބުނާއިރަށް މިރާއްޖެތެރޭ މީހުނަށް ހާދަ އަސަރެއް ކުރެއޭ ދޯ.. ހަމަ އެންމެ ރަނގަޅު ވާނީ ނާސިރު ދައުރުގަ ހެދިގޮތަށް މާލެ އެރުން މަނާ ކުރީއްޔާ.. އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ..

      5
      3
  6. މަބޭ

    އާންމުކޮއް އިއުލާންކުރަންޖެހޭ މައުލޫމާތު ސިއްރުކުރާ ސަރުކާރަކައް ކިހިނެއްތޯ ރައްޔިތުން އިތުބާރުކުރާނީ

  7. ޑައެލޯގް

    މިސަރުކާރުން ގޯތިދެނީ މިސަރުކާރުން އުފެއްދިތަނަކުންނޫނެވެ. ފޭސް 2 އުފެއްދީޔާމީނެވެ. ގުޅިފަޅު އުފެއްދީ އަންނިއެވެ. ވީމާ ކާޅުހާލިހެދީމަ ކޮވެލިބިސްއަޅަނީއެވެ. ކަލޭމެންގޯތިދިނަސް ވޯޓެއްނުދޭނަމެވެ. އެއީ ކަލޭމެން އުފެއްދިތަނަކަށްނުވާތީއެވެ.

    3
    1
  8. ދިދަ ދަނޑި

    ތީ ކަމެއް ވާ ބައެއް ނޫން.. ދެން ބުނޭ އިންތިހާބުގެ ނަތީޖާ އާ އެކު ގޯތި ލިސްޓް އިޢްލާން ކުރެވޭވަރު ވާނޭ.. ޕާޓީ ކުދިންނާ އަތްގާތްކޮށްދޭ ކުދިންގެ ލިސްޓް އަދި ނުލިބެނީ ދޯ.. އެމީހުނަށް ބަހާފަތާ އެހެން މީހަކަށް އެއްޗެއް ދެވޭނީ…

  9. ޚަލީލު

    އިވެލުއޭޓް ކުރާނެ ގޮތް އިޢުލާން ކޮށްފައި ނުވާއިރު، އިވެލުއޭޓް ކުރަނީ ކިހިނެއް؟ ގޯއްޗަށް އެދުމަށް އިޢުލާން ކުރާއިރު، އިވެލުއޭޓް ކުރާނެގޮތް (ޕޮއިންޓް ދޭނެ ގޮތް) ބަޔާންކުރަން ޖެހޭނެކަމަށް ގޯތި ދިނުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައި އޮންނާނެ.