އަންނަ އަހަރުގެ ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމުގެ ނަމުގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމުގެ ނަމުގައި އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަނޫން "ވަގުތަށް" ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތަކީ މިހާރުވެސް ކޮންޓްރެކްސް ކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އަރަބިއްޔާ ސްކޫލް އެޅުމަށް ފައިސާއެެއް ނެތް!

"ބަޖެޓްގައި ނުހެމެނި ވަނީ އިދާރީ އޮޅުމަކުން. އެހެންކަމުން ބަޖެޓްގައި އެ މަޝްރޫއު ހިމަނާނެ." ޝަނޫން ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލް މިހާރު ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގައެވެ. އެ ސްކޫލް އެހެން އިމާރާތަކަށް ބަދަލުކޮށްފައި ވަނީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ އެތަނަކީ ދަރިވަރުން ފޮނުވުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމާ ގުޅިގެންނެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޖާގައިގެ ގޮތުން ދަތި އިމާރާތަކަށް ބަދަލުކުރިތާ އަހަރެއްވުމާ ގާތަށްދާއިރު، އަދިވެސް އެ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިމި ހުޅުވޭނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މީ އަބަދު އޮޅިފަ ތިބޭބަޔެއް. މިމީހުންގެ ހާލު މިވަރު ނަމަ ދެން ހުރިހާ އެއްޗެއްވެސް ހުންނާނީ އޮޅިފަ ތާ!!!

  2. އުބައިދު

    ކަންކަން ގޯސްކޮށްފައި ރައްޔިތުންގެ ނުރުހުން އަމާޒިވިމައި ދެންބުނަނީ ކުރީގެ ސަރުކާރު ނޫނަނަމަ އޮޅުމަކުން! ބަޖެޓުގައި ކާރު ގަންނަން ފައިސާ ހިމެނި އިރު ޢަރަނިއްޔާ ހަދާންވެސް ހަދާންނެތުނީ އޮޅުމަކުން! ވަރަށްފަސޭހަ! ރައްޔިތުން ގުބޯހައްދަން ނޫލޭ!ދެނެއް ތިކަމެއްނުވާނެ!

  3. ބޭކާރު

    އޮޅޭސަރުކާރު.

  4. ސޯލިބޭ

    މަޖިލީހުގައި ތިބި އެމްޑީޕީގެ އެއްވެސް ބުރާންޗަކަށް ބަޖެޓް ފޮތުން މިކަން ފާހަގައެއްނުކުރެވޭ.

  5. އަހައްމަދޫ

    ދީނީ ކަންކަމުގައި އާއި އަދިވެސް މިމީހުން ހިތާނުވާ ކަންތަކުގައި ތިބޭނީ އޮޅިފައި، ދެން ރައްޔަތުން ހަޅޭއްފަޅޭއް ޖަހައިގަތީމާ ބުނާނެ އޮޅުމެކޭ އިދާރީ ކުށެކޭ. މީ ރައްޔަތުން އަގަގޮއްވަން އުޅޭބަޔެއް