އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓްގެ ބަހުސް މާދަމާއަށް އެޖެންޑާ ކުރާނެ ކަން ރައްޔިތުންގެ މަޖިލިހުން އިއުލާންކޮށްފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓުގެ ބަހުސް މާދަމާ ފަށާ އިރު، އެ ބަހުސް އަންނަ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ބަޖެޓަށް ބަހުސް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ތިން ދުވަހުގެ ޖަލްސާ ރޭގަނޑު 10 އާ ހަމައަށް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ. ރާސްފަތި ދުވަހުގެ ރޭގަނޑު 10 އަށް ވެސް ބަހުސް ނުނިމޭ ކަމުގައިވާ ނަމަ، މެމްބަރުން ބަޖެޓަށް ބަހުސް ކުރައްވައި ނިމެންދެން މަޖިލިސް ކުރިއަށް ދާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހުގެ މެންދުރު 12 ގެ ކުރިން ބަހުސް ކުރުމަށްޓަކައި މެމްބަރުން ފުރުސަތަށް އެދިވަޑައިގަތުމަށް އީވާ އެދިވަޑައިގެންނެވިއެވެ. އޭގެ ފަހުން ފުރުސަތު ބަންދު ވާނެ ކަން އީވާ ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 170 މިލިއަން ރުފިިޔާ މަދު އަދަދެކެވެ. މި އަހަރު ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް 42.8 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 29 ބިލިއަން ރުފިޔާ ހޭދަ ކުރާނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެއީ ބަޖެޓްގެ 70 އިންސައްތައެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

އަންނަ އަހަރަށް ލަފާކުރާ އާމްދަނީ ނުލިބި އަދި ހަރަދުތައް ކުޑަނުކޮށްފި ނަމަ އަންނަ އަހަރުގެ ބަޖެޓް ދަރަނި 14 ބިލިއަން ރުފިޔާއަށް އަރާފާނެކަމުގެ ބިރު އެބައޮތެވެ.

އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. އަންނަ އަަހަރު ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ބަލާފައި ވަނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.5 ބިލިއަން ރުފިޔާއެވެ. އެއާއެކު ބަޖެޓުގެ ދަރަންޏަކީ އަށް ބިލިއަން ރުފިޔާއެވެ.