ބިދޭސީން ދިރިއުޅޭ ތަންތަން މާލޭ ސިޓީ ކައުންސިލުން މޮނިޓާ ކުރާ ކަމަށާއި ނަމަވެސް ސަރުކާރުން އެކަމާ ގުޅިގެން އެކަށޭނެ ފިޔަވަޅުތަކެއް ނާޅާ ކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ އެގޮތަށް ވިދާޅުވީ މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން ނިޔާވުމާ ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ ގަރާޖެއްގައި ރޯވެ، އެ ގަރާޖު މަތީގައި ބިދޭސީން ދިރިއުޅެން ހަދާފައި ހުރި ގެއެއްގައި އަލިފާން ހިފައިގެންނެވެ. އެ ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް 12:30 ހާއިރުއެވެ.

މާލޭގައި ހުރި ގަރާޖެއްގައި އަލިފާން ރޯވުމާއެކު ސިފައިން އަލިފާން ނިއްވަނީ. --- ވަގުތު އިމޭޖަސް: އިބްރާޙިމް ޝާބިލް

އެމްއެންޑީއެފް އާއި ފުލުހުން ބުނި ގޮތުގައި ރޭ 12:30 ހާއިރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެ ގޭގައި ތިބި ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އެގޮތުން 14 މީހަކު ސަލާމަތްވެފައިވާ އިރު، އެ ގެއިން 10 މީހަކު ނިޔާވެފައިވާކަން މިހާތަނަށް "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ.

އެންމެން ވެސް ނިޔާވެފައިވަނީ ވަރަށް ބޮޑަށް ފިހުމުގެ ސަބަބުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ފިހުނު ފިރިހެނަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިފަދަ ތަންތަނުގެ ސާވޭތައް ނަގާ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެކަމަކު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހެޅިޔަސް ކަންކަން ހައްލުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މިހާރުގެ ކައުންސިލާއި ކުރީގެ ކައުންސިލުން ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނީޓަކޮށް، އެ ތަންތަނާ ބެހޭ މައުލޫމާތު އެއްކޮށް ސާވޭތަކެއް ވެސް ކޮށްފައިވާ ކަމަށެވެ.

"މި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ބެހޭ ވުޒާރަތަކާ ވެސް ވަނީ ހިއްސާ ކުރެވިފައި." ޝިއުނާ ވިދާޅުވިއެވެ.

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އޭގެ އިތުރުން ފަޅުމަތީ މަގުގައި ހުސްކޮށް ހުރި ބިންތަކާ ވިލާ ގޭސްގެ ބިތްދަށުން އޮންނަ އާރްޑީސީގެ ބިން ނަގައި އާރްޑީސީ އަށް އެހެން ބިމެއް ދިނުމަށް ފަހު، އެ ސަރަހައްދުގައި މާލޭގައި މިގޮތަށް ހުރި ގަރާޖު އަދި ވޯކްޝޮޕްތައް ބަދަލުކުރުމުގެ މަސައްކަތް ފެށުމުން، ޕްލޭނިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވައިފައި، މި ބިންތައް ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނަގާފައި"

އޭނާ ވިދާޅުވީ އެހެން ހުންނަ ތަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ފަށައިގެން ކުރަމުން އަންނަ ކަމަށާއި ނަމަވެސް ތިލަ-މާލެ ބުރިޖުގެ މަސައްކަތަށް ސަރުކާރުން އެބިން އަތުލާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ފަހުގެ ތާރީހެެއްގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ. އަދި، މިއީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު އެއް ހާދިސާއެއްގައި އެންމެ ގިނަބަޔަކު ނިޔާވި ފަހަރެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް ބޮޑީ ބޭގްއަކަށް ލައިގެން ގެންދަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެނގިފައިވާ ގޮތުގައި ޖިންސު ވެސް ވަކި ނުވާ ވަރަށް ބައެއް މީހުންގެ ހަށިތައް ވަނީ އަނދައިފައެވެ. މި އެންމެންގެ ހަށިތައް ވެސް ހޯދާފައި ވަނީ ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.

އެނގިފައިވާ ގޮތުގައި ބައެއް މީހުން ސިޓިން ރޫމް ތެރޭގައި ނިޔާވެފައި ތިއްބައި ފެނުނު އިރު، އަނެއް ބަޔަކު ފެނުނީ ކޮޓަރި ތެރޭގައި ނިޔާވެފައި ތިއްބައެވެ. އަދި އެންމެ ފަހުން ފެނުނު މީހާ އޮތީ ފާހަނާ ތެރޭގައި ކަން ވެސް އެނގިފައިވެއެވެ.

ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ ފަތިހު 4:30 ވި ފަހުންނެވެ.

ނިޔާވި މީހުންގެ ހަށިގަނޑުތައް މިހާރު އޮތީ ގަލޮޅު ސަހަރާގައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފްވާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް މީގެ ކުރިންވެސް މި ގަރާޖްގައި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޠާޒީ

    ކޮން ދޮގެއް ހަދާކަށް ނުކުރޭ އެއްވެސް މޮނީޓަރިންނެއް. ޢެއީ ތާވަލުކޮއްގެން ރެގިއުލާކޮއް ކުރަންޖެހޭ އަދި ރިޕޯޓެއް އެކުލަވާލެވި ފެނިފައިވާ ކަންކަމަށް ސިޓީއިން ހައްލު ކުރަން ވެރިފަރާތްތަކަށްއަންގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް. ސަރުކާރުގެ އެއްވެސް އިދާރާއަކުންމިކަމެއް ނުކުރޭ.

    3
    1
  2. ޒިމް

    ސަރުކާރު ޒިންމާވާންޖެހޭ. ސިޓީ ކައުންސިލަށް އެއްބާރުލުން ނުދީ މިފަދަ ކަންކަމަށް ހައްލެއް ނުގެނެވޭނެ.