ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ކޮންމެ މެންބަރަކަށް މެސެޖު ނުފޮނުއްވޭ ގޮތް ހެދީ، "އަރާރުން" ހުއްޓުވަން ނޫން ކަމަށާއި އެއީ ގެނެވުނު އިދާރީ ބަދަލެއް ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެޕާޓީގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިން ގޮތުގައި ގައުމީ މަޖިލީސް ގުރޫޕުގައި ޒުވާބު ހޫނުވުމުން، ފައްޔާޒް ވަނީ އެގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހަދާފައެވެ. އެއާއެކު އެ ގުރޫޕަށް މެސެޖު ފޮނުވެނީ ހަމައެކަނި އެޑްމިންގެ ގޮތުގައި ތިއްބަވާ މެންބަރުންނަށެވެ.

އެކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު އަރުވަމުން ފައްޔާޒު ވިދާޅުވީ, އެއީ އިދާރީ ބަދަލެއް ކަމަށާއި އަދި، އެކަމުގެ ސަބަބުން މެންބަރުންގެ ހިޔާލުފާޅު ކުރުމުގެ ހައްގަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ދެކިލައްވާ ކަމަށެވެ.

"ގައުމީ މަޖިލީސް ގުރޫޕަކީ ޕާޓީގެ އިދާރީ ކަންކަމާއި ގުޅިގެން ގައުމީ މަޖިލީހުގެ މެންބަރުންނާއި ވާހަކަ ދެއްކުމަށް އޮންނަ ގުރޫޕެއް. ބަދަލު ގެނެވުނީ އެކަން ހަރުދަނާ ކުރުމަށް" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން/އިކޮނަމިކް މިނިސްޓަރ، ފައްޔާޒު އިސްމާއިލް؛- ވަގުތު އިމޭޖަސްް- މުހައްމަދު އަފްޒަލް

އަދި، ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކީ މެންބަރުން ހިޔާލުފާޅު ކުރުމަށް އޮންނަ ގުރޫޕެއް ނޫންކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ, މެންބަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، ހިޔާލު ފާޅުކުރުމަށް އެހެން ގުރޫޕުތައް ހުންނާނެ ކަމަށެވެ.

އެޕާޓީގެ ގައުމީ މަޖިލީސް ގުރޫޕުގެ ދޭތެރެއަކުން އަރާރުންވެއެވެ. އަދި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަރަށް ގިނައިން އެ ގުރޫޕުގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީއަށް ވެރިކަން މި ލިބުނީ ދެވަނަ ފަހަރަށެވެ. އެކަމަކު، 2018 ވަނަ އަހަރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެފައެވެ.

އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ދޭތެރެ ދޭތެރޭން ހިޔާލުތަފާތުވެ، އަރައިރުންވެއެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ މަޖިލީސް މެންބަރުން ތާއީދުކުރެއްވި ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުނުކުރާކަން ހާމަކުރަމުންނެވެ. މަޖިލީސް ތަޅުމުގައި އެފަދައިން ދެކެވޭ ވާހަކަތަކަށް ސަރުކާރު ފެކްޝަންގެ މެންބަރުން ގެންދަނީ އެޕާޓީގެ ވަޓްސްއެޕް ގުރޫޕުގަޔާއި ޓްވިޓާގައި ވެސް ރައްދުދެމުންނެވެ.

އެކިއެކި ބޭފުޅުން މިފަދައިން ގެންދަނީ ޓްވިޓާގައި ވެސް އަރާރުންވަމުންނެވެ. ފެންނަ ފެނުމަށް މިހާރު އެޕާޓީ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާގައި ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާނ

    ވާހަކަ ވަރަށް ރީތި ވާނެ އާނ

    16
  2. އހ

    ތެދެއް ހެދެން އޮންނަތާވެސް ދޮގެއް ހެދޭތޯ ބަލާތި

    15
  3. މުހުތާރު

    ހެހެހެ އެކަމު ހުދުމުހުތާރުކަމައް ނަންވާނީ މައުމޫން.

    11
  4. ކޮރަލް

    ވާހަކަ ދެއްކުމުގެ މިނިވަން ކަން ގެއްލުވާލީ އެވެ.

  5. ކައުންސެލަރު

    މިފެންނަނީ މިވެރިންގެ ހާލަތު. އެމްޑީޕީއޯ،، ޑިމޮކުރަސީއޯ. މަހީހީ ލޮލް