ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އޮނިގަނޑު ހިމެނޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވާއިރު މިދިޔަ ބުދަ ދުވަހު، ދަންވަރުގެ ވަގުތެއްގައި މ. ނިރުފެހި ގޭގެ ތިރީބައިގައި ހުންނަ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ވަނީ ނިޔާވެފައެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ބުނީ ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާ ކަމަށެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.

އެއީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހުގައި އެއް ހާދިސާއެއްގައި އެންމެ ގިނަ މީހުން ނިޔާވި ހާދިސާއެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

ނިޔާވެފައި އޮއްވައި ފެނުނު މީހުންގެ ހަށިތައް ފެނުނު އިރު، ޖިންސު ވެސް ވަކި ނުވާ ވަރަށް ބައެއް މީހުންގެ ހަށިތައް ވަނީ އަނދައިފައެވެ. މި އެންމެންގެ ހަށިތައް ވެސް ހޯދާފައި ވަނީ ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.

އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ނިޔާވެފައި ވާއިރު ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ހުންނަ ގޮތް ސަމާލުކަމަށް ގެނެސްފައެވެ.

މި ހާދިސާއަށް ފަހުގައި ކުރިމަތިވި ފިއްތުންތަކާއެކު ސަރުކާރުން އަނެއްކާވެސް އަންނަނީ ރާއްޖޭގައި ދިރިއުޅޭ މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫރު

    މިއީ ސަރުކާރުގެ ވަރަށްބޮޑް އިހުމާލެއް، މާލެ ސިޓީ ކައުންސިލް އާއި ޖެހިގަނެ ކޯޅި ކޯޅި މިތިބެނީ. ޕްލޭނިންގް މިނިސްޓްރީން ލާމަރުކަޒީ ޤާނޫނީ ބާރު ކަނޑުވާލާ، މުށްދަށަށް ބާރު ނެގީ.
    ރ.ޔާމިންގެ ސަރުކާރުން އިންޑިއަސްޓުރިއަލް ވިލެޖް ނަމުގައި ތަނެއް ހިއްކާ ޕްލޭންތައް އެކުލަވާ ކުރި މަސައްކަތް ހުއްޓާލީ މިސަރުކާރުން ނުންތޯ. ރައްޔިތުންނަށް އޮޅުވާލާ މުޅިންވެސް ދޯކާ ދެނީ