މާލެ އާއި ހުޅުމާލޭގައި އިއްޔެ ރޭ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމު ގުޅިގެން، މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ރެއިޑްކޮށް، ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ އަތުލައިގެންފައެވެ.

އެގޮތުން އެ އޮޕަރޭޝަންގައި 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާ އަތުލައިގަތެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހަ މީހަކު ހައްޔަރު ކުރި އިރު، އެމީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.

މިތަކެތި ހޯދީ މާލޭގެ ދެގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކޮށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި 13 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމާއިއެކު ފާއިތުވި ތިން ހަފްތާ ދުވަހުގެ ތެރޭގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު ވަނީ 100 ކިލޯ އާއި ގާތް ކޮށްފައެވެ.

މިދިޔަ މަހު ފަހުކޮޅުން ފެށިގެން މިމަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ފުލުހުން ގއ.ހޯނޑެއްދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހޯނޑެއްދޫން 13 ކިލޯގެ މަސްތުވާތަކެތި އަދި އެރަށް ކައިރީ އޮތް ފަޅުރަށަކުން 69 ކިލޯގެ މަސްތުވާތަކެތި ހޯދިއެވެ. އެހެންކަމުން އެއޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 82 ކިލޯ އަށް އަރައެވެ.

ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އަންނަނީ ވަރަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. ނަމަވެސް އާއްމުންގެ ކަންބޮޑުވުމަކީ އެފަދަ އޮޕަރޭޝަންތަކުގައި ހައްޔަރު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، މިނިވަން ވެގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިމުން

    13 ކިލޯތަ. ނުބެލޭނެ މައްސަަލައެއް.

  2. Anonymous

    ކިތަންމެ ވަރަކަށް ހައްޔަރުކުރިޔަސް އަނެއް ދޮރުން ދޫކޮއްލަންޏާ ތިޔަ ކުރާ ކަމުގެ އެއްވެސް ފައިދައެއް ނޯންނާނެ. ބަދަލުގައި ގެއްލުން ފިޔަވާ އިތުރު އެއްޗެއް ނުލިބޭނެ

  3. ހަމްދޫން

    ކޮބާ އެމީހުންގެ ވަަނަވަރު؟

  4. ޙާލިދު

    މާދަމާ ދޫކޮއްލާނެ