އުމުރުން ސާދަ އަހަރުގެ ށ.ފޭދޫ ހީނާމާގޭ (ގ.ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފަށް ހަމަލާދީ މަރާލިކަން ސާބިތުވެފައިވާ އޭނާގެ ގާތިލުންގެ ފަރާތުން ހައިކޯޓުގައި ކޮށްފައިވާ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ޝައްފާންގެ މަރާލިކަން ސާބިތުވެ، ހަތަރު މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެއީ، ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދާއި ސ. މަރަދޫ، މޫންލައިޓްގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބާއި މއ. ޓޮމާޓާ ފްލާވާ، ހުސައިން ޖައިލަމެވެ.

2018 ވަނަ އަހަރުގެ ފަހުކޮޅު، އޭނާ މަރާލާފައިވަނީ އޮޓޯ ގަރާޖު ކައިރިންންނެވެ. އެރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށް ދިން އެ ހަމަލާގައި އޭނާގެ ހަށިގަނޑުން އަށް ތަނަކަށް ވަނީ ހަމަލާދީފައެވެ. އޭނާ މަރުވީ ދިން ހަމަލާގައި ކަރަށް ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށެވެ.

ޝައްފާންގެ މަރަކީ އެމްއެމްއޭ ކައިރީގައި މާރާމާރީ ހިންގާ މަރާލި އިބްރާހިމް އާގިލްގެ މަރާ ގުޅުންހުރި މަރެކެވެ. އަދި ޝައްފާން މަރާލީ އާގިލް މަރާލުމުން އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުން ކަމަށް ފުލުހުން އެ ދުވަސްވަރު ވިދާޅުވެފައިވެއެވެ. ޝައްފާން މަރާލީ އާގިލްގެ މަރަށް 11 މަސް ވެފައި ވަނިކޮށެވެ.

މި މައްސަލައިގައި އޭނާގެ ގާތިލުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެކަމަކު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތަށްވުރެ ފަހުގެ ތާރީހެކެވެ.

އެހެންވެ، ހައިކޯޓުން ފުރަތަމަ އެ މައްސަލަ ބޭރުކޮށްލީއެވެ. އެކަމަކު، އެކޯޓުގެ ނިންމުން ބަދަލުކޮށް، އެ އިސްތިއުނާފު ބަލައިގަންނަން، ސުޕްރީމް ކޯޓުން އަމުރުކުރުމުން، ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ގާނޫނުގައި މައްސަލަ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ފަހުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލަހުން ދޫކޮށްފައި އޮތުމުން އިސްތިއުނާފަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެ، އެ މައްސަލައިގެ އިސްތިއުނާފު ބަލައިގަންނަން ހައިކޯޓަށް އަންގާފައެވެ.

ހަތަރު މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މި މައްސަލައިގެ ޝަރީއަތް އިއްޔެ ވަނީ ފަށައިފައެވެ. ކުޑަކުއްޖަކު ހިމެނޭ މައްސަލައެއް ކަމުން މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެނެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ އެކޯޓުގައި ނިންމާލާފައެވެ.

އިއްޔެގެ މަޖިލީސް ނިންމާލީ ކްރިމިނަލް ކޯޓުން ސާފުކުރަން ޖެހޭ ކަމެއް އޮތް ކަމަށް ބުނެއެވެ. އެ މައުލޫމާތު ލިބުމުން އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.