(ކ. ގުރައިދޫ) ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ނުކުރެވޭ މައްސަލައަށް އެއްވެސް ހައްލެއް އަދި އަލިމަގެއް ނުފެނި، ގުރައިދޫ ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވެ، އެކަމުގެ ނުރައްކަލާއި ގޮންޖެހުންތަކާއެކު ދިރިއުޅެން ޖެހިފައި އޮންނަތާ މިހާރު އެތައް ޒަމާނެއް ވެފައިވާ ކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ގިނަ ރައްރަށުގައި މިވަގުތު ރަނގަޅު ގޮތެއްގައި ކުނި ނައްތާލަމުން އަންނަ ނަމަވެސް ބައެއް ރަށްރަށުގެ ރައްޔިތުންނަށް އަދިވެސް އެފަދަ ހިދުމަތެއް ލިބެމުންނެއް ނުދެއެވެ. އޭގެ ތެރެއިން އެއް ރަށަކީ ގުރައިދޫއެވެ.

ގުރައިދޫއަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާ ވެފައިވާ ރަށެއް ކަމުން ފަތުރުވެރިންނާއި ގިނަ އަދަދެއްގެ ދިވެހިން ވެސް މިރަށުގައި އައިސް ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަ ކުރެއެވެ. އަދި އާބާދީގެ ވެސް ބޮޑު ބައެއް ރަށުގައި ދިރިއުޅޭއިރު، ކޮންމެ ދުވަހަކު ވެސް ގެތަކުންނާއި ގެސްޓް ހައުސް ތަކުން ގިނަ އަދަދެއްގެ ކުނި އުފެދި ބޭރު ކުރެއެވެ. މިގޮތަށް ބޭރު ކުރާ ކުނި ގެންގޮސް ޖަމާކުރަމުން އަންނަނީ މި ރަށުގެ ވަކި ސަރަހައްދަކަށެވެ.

ކ. ގުރައިދޫގައި ކުނި އެއް ކުރާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިގޮތުން އެއްކުރެވޭ ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް މިރަށުގައި ނެތުމުގެ ސަބަބުން ހަފްތާއަކު 2-3 ފަހަރު އަންދާލުމުގެ މަސައްކަތް މިރަށު ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް ކުނި އެންދުމުގެ ސަބަބުން ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާއި އަދި މިރަށާއި ޖެހިގެން އޮންނަ ކަނނޑޫމާ ރިސޯޓުގެ ޝަކުވާތައް އޮތީ "ފުނި" ޖެހިފައެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް، ހުސެއިން ޔާމީން މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، ރަށުގެ އެއް ފަޅިއަކަށް ކުނި އެއްކޮށް، އެ ކުނިތައް އެންދުމުގެ ސަބަބުން އަރާ ދުމާއި ހެދީ ގިނަ ބަޔަކަށް އުނދަގޫތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ. އެކަން އެގޮތަށް ހިނގަމުން އަންނާތީ ރައްޔިތުން، ކައުންސިލަށްވެސް ޝަކުވާ ހުށަހަޅަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން މިސްކިތުގައި ނަމާދު ނުކުރެވޭ ހާލަތަށް އެބަދޭ. ސްކޫލް ވެސް ބަންދު ކުރަން ޖެހޭ. މިތާ ކައިރީ އޮންނަ ކަނޑޫމާ ރިސޯޓުންވެސް ޝަޖުވާ ކުރޭ. އެކަން އެގޮތަށް ކުރާތީ ވަރަށް ގިނަ ރައްޔިތުން ހިތްހަމަނުޖެހޭ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ކައުންސިލަށް އެފަދަ ޝަކުވާ ލިބުނު ނަމަވެސް، ކައުންސިލަށް އެކަން ކުރެވޭނެ އިތުރު ގޮތެއް އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި ކައުންސިލުން ތިބީ ސަރުކާރުން ނިންމާފައިވާ ޕްލޭނާއި އެއްކޮށް އެކަން ނިމިގެންދާނެ ކަމުގެ އިންތިޒާރުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކ. ގުރައިދޫގައި ކުނި އެއް ކުރާ ސަރަހައްދު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"2016 ވަނަ އަހަރުން ފެށިގެން އަޅުގަނޑު ހަނދާން ހުންނަ ގޮތުން އިންތިޒާރު މިކުރަނީ މި ކަމަށް. އޭޑީބީ ޕްރޮޖެކްޓް ފަށާނެ ކަމަށް ބުނަނީ. އަދިވެސް ނޭނގޭ އެ ޕްރޮޖެކްޓްވީ ތަނެއް." ޔާމީން ވިދާޅުވިއެވެ.

ރަށުގެ ވަކި ސަރަހައްދަކަށް ކުނި ޖަމާ ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން މޫދަށް ކުނި އަޅާކަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އަށް ފާހަގަ ކުރެވި އެތައް ފަހަރަކު ޖޫރިމަނާ ކުރުމުގެ އިންޒާރު ވެސް އައިސްފައިވާ ކަމަށާއި، ނަމަވެސް އެފަދަ އިންޒާރު އައެއް ކަމަކު ރަނގަޅު ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމެއް ނެތުމުން އެކަން ކުރާ ރައްޔިތުން، އެކަން ކުރުން ހުއްޓުވުމަށް ވެސް ދަތިތަކެއް ހުރިކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ގުރައިދޫގައި ކުނި މެނޭޖް ކުރުމުގެ މައްސަލަ “ވަރަށް އަވަހަށް” ހައްލު ކުރެވިގެންދާނެ ކަމަށް ރަސްމީ ފަރާތްތަކާ އިދާރާތަކުން ބުނަމުން އަންނަތާ މިހާރު ހަވަރަކަށް އަހަރު ފާއިތުވެފައިވާއިރު، މިރަށު ކައުންސިލާއި ރައްޔިތުން ތިބީ މި ދިގު އިންތިޒާރަށް ނިމުން އަންނާނެ އަވަސްމިނަކީ ކޮބައިކަން ނޭގި “ވަރަށް ހިތް އަވަސް” ވެފައެވެ.