200 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ގދ. ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲގެ އަމަލުތައް އިސްލާހު ކުރުމަށް އެދި ޕެޓިޝަނެއް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފިއެވެ.

އެލްޖީއޭގެ ރައީސް އަފްޝަން ލަތީފަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ، އެއްވެސް ކައުންސިލަރެއްގެ ނުވަތަ ރައީސެއްގެ ނުވަތަ މޭޔަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާ ނުކުރެވޭނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ރައީސެއްގެ ނުވަތަ ކައުންސިލްގެ ބާރުތަކާއި، ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ ނުވަތަ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކައުންސިލަރުން އަމަލުތައް ބަހައްޓާނަމަ، ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށެވެ. އަދި އެފަރާތެއް މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ ބާރުވެސް އެ އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ބުނެފައި ވެއެވެ.

އެ ޕެޓިޝަންގައި ބުނެފައި ވަނީ، ރަށު ކައުންސިލްތަކުގެ ރައީސުންގެ ފަރާތުން އާންމު ރައްޔިތުން ދެކެން ބޭނުން ނުވާ ކަންތައް ފެނިގެން ދިއުމާއި، އެ ރައީސުންގެ އަހްލާގާއި ސުލޫކީ މިންގަނޑު އިންތަކާއި މިންތައް ފަހަނައަޅައި ދިއުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބަރުދާސްތު ކުރަން ކުޅަދާނަ ނުވާ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެންދާނެ ކަމެއް ކަމުގައި ގަބޫލު ކުރާ ކަމަށެވެ. އަދި ކައުންސިލްގެ ރައީސުންނަކީ އެފަދަ ފަރާތެއްގެ ސަބަބުން ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުންތަކަށް ހުރި ހުރަހަކަށް ވެގެން ނުވާނެ ފަރާތެއް ކަންވެސް ވާން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ޕެޓިޝަންގައި ބުނެފައި ވަނީ، ވާދޫ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ވާޖީބުތައް އަދާ ކުރުމަށް ކައުންސިލްގެ ރައީސްގެ ފަރާތުން އުނދަގޫތައް ކުރިމަތިވަމުންދާ ކަމުގައި ކައުންސިލްގެ އެހެން މެންބަރުންގެ ފަރާތުން އެކި ފަހަރު މަތިން ރައްޔިތުންނާއި ހަމައަށް އައިސްފައިވާ ކަމަށެވެ.

އެކަމަކު މީގެ ކުރިން ކައުންސިލް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަމުންދިޔަ ގޮތަށް އެކަން މިހާރު ކުރެވޭ ކަމަށް ބުނެފައި ވެއެވެ. އަދި އެފަދަ ރައީސުން ދުރުކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ހުށަހެޅުން އޮތީ އެ އޮތޯރިޓީއަށް ކަމަށް ބުނެފައި ވެއެވެ.

އެ ޕެޓިޝަންގައި ވަނީ ކައުންސިލްގެ ވާޖިބުތައް އެކަށީގެންވާ ގޮތަށް އަދާ ނުކުރެވޭނަމަ، އެކަން ނުކުރެވެނީ ކީއްވެގެންތޯ ބަލާ ކައުންސިލްތައް ރޫޅާ ލުމާއި، އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ހައިކޯޓަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ލިބިފައިވާކަން ފާހަގަކޮށްފައެވެ.

އެ ޕެޓިޝަންގައި އެރަށު ކައުންސިލް ރައީސްގެ ފަރާތުން ފެންނަ ކަންކަން ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭ ފިތުނަ ފަސާދަ އުފެއްދުމާއި، މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުގެ ވެރިންނަށް އިންޒާރުދީ ހަޑިބަހުން މުއާމަލާތްކޮށް، ކައުންސިލާއި ރައްޔިތުންގެ އަގު ވެއްޓޭ ގޮތަށް އަމަލު ބެހެއްޓުމާއި، ރައްޔިތުންނަށް ފާޅުގައި ގޮންޖަހައި ރައްޔިތުން އެއްވާ ތަންތަނުގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، މަސްތުވަތަކެތި ބޭނުން ކުރާ ކަމަށް ރައްޔިތުން ތުހުމަތު ކުރާކަން ފާހަގަށްފައި ވެއެވެ.

އަދި ކައުންސިލް ރަސްމީ ބައްދަލުވުންތަކުގައި ހަޑި ހުތުރުބަހުން ވާހަކަދެއްކުމާއި، ސަރުކާރުގެ މުވައްސަސާތަކުގެ ފަރާތުން ރަށަށް ދުރުވާ ފަރާތްތަކަށް އިންޒާރު ދިނުމާއި، ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމާއި، ބޭނުން ގޮތެއް ކައުންސިލްގައި ހަދާނެ ކަމަށް ބުނެ ގަދަ ބަސް ބުނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލު ކުރާއިރު ބޭއަދަބީ ބަސްތަކުން މުއާމަލާތް ކުރުން ފަދަ ކަންކަން އެ ޕެޓިޝަންގައި ފާހަަކޮށްފައި ވެއެވެ.

"ވީމާ އިސްވެ ދެންނެވުމު އެންމެހައި ކަންކަމަކީ ވާދޫ ކައުންސިލް ރައީސްގެ ފަރާތުން މިހާތަނަށް ފެންނަމުންދާ ކަންކަމަށްވާތީ، މިކަން ތިޔަ ފަރާތުގެ ސަމާލުކަަމަށްޓަކައި ދެންނެވީމެވެ". އެ ޕެޓިޝަންގައި ވެއެވެ.