ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޖަދަ 16 ގައި އދ. މާމިގިލި ކަޓުވާލައި ގދ. ވާދޫ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ވާދޫން ކުއާޓާ ފައިނަލް ޔަގީންކުރީ ގދ. މާމިގިލި ކައިރިން 3-0 އިން މޮޅުވެގެންނެވެ. ވާދޫގެ ތިން ގޯލުވެސް ޖަހައިދިނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އިޔާދު އަލީއެވެ.

އަނިޔާގެ ސަބަބުން މާމިގިލީގެ ހިސާމް ސަލީމް (ކޮކީ) އަށް މި މެޗުގައި ނުކުޅެވުނެވެ. އަނެއްކޮޅުން މި މެޗުގައި މާމިގިއްޔަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފު ފަށައިގެން އައިއިރު ވާދޫ ޓީމުން ވަނީ ގިނަ ޕާސްތަކެއް ޖަހައި އެޓޭކް ކުރެވޭތޯ މަސައްކަތްކޮށްފައެވެ. އިޔާދުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފަސް ވަނަ މިނެޓުގައެވެ. މިއީ މާމިގިލި ކުޅުންތެރިއެއް ކައިރިން ނެއްޓުމަށްފަހު އޭރިއާގެ ވެސް ބޭރުން އިޔާދު ފޮނުވާލި ހަމަލާއަކަށްވީއިރު، މާމިގިލީގެ ކީޕަރަށް ބޯޅަ ދިފާއު ނުކުރެވުނީ ބޯޅައިގެ ސްޕީޑް ބާރުކަމުންނެވެ.


ގދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާ ކަމުގެ މަގާމް ހޯދި އުމުރުން 21 އަހަރުގެ އިޔާދުގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 13 ވަނަ މިނެޓުގައެވެ. އިޔާދުގެ ހެޓްރިކް ފުރިހަމަ ކުރީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

ގަދަ 16 ބުރުގައި ރޭ ތިމަރަފުށްޓާއި ކ. ގާފަރު ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ތިމަރަފުށި މޮޅުވީ 5-3 އިންނެވެ. ލ. ގަމުން ވަނީ ފޯރިގަދަ މެޗަކަށް ފަހު، 2-1 އިން މ. ދިއްގަރު ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގެ ގޯލުތަކުން، ށ. ކަނޑިތީމު އަތުން ދ. ކުޑަހުވަދޫ އަށް 2-1 އިން ކުރިހޯދުނުއިރު، ބ. އޭދަފުށިން ވަނީ 2-0 ޏ. ފުވައްމުލަކު ދަނޑިމަގު ބަލިކޮށްފަ އެވެ.