ހުޅުމާލޭގައި މުޅީން އާ ކޮންސެޕްޓަކަށް "ކޯލިވިން ހައުސިން" މަޝްރޫއު ކުރިއަށް ގެންދިއުމަށް ބިންގާ އަޅައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން "ކޯ ޝެއާ" ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ 198 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ބަޔަކު ބައިވެރިވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓާ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ކޯ ލިވިން ކޮންސެޕްޓަށް އެޗްޑީސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެންނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އަދި އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ހިދުމަތްތަކެއް މި ބިލްޑިންއިން ލިބިގެންދާނެއެވެ.

"ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކާ. މި ދެންނެވުނު ފަރާތްތަކުގެ ތެރެއިން 56 އިންސައްތައަށް ވުރެއް ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. އެޗްޑީސީއިން ބުނެ އެވެ.

ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ހަދާ ހައުސިން މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެޗްޑީސީއިން ބުނީ އެފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދެ ވަނަ ފަންގިފިލައިން ފެށިގެން ނުވަ ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި މިހާރުވެސް އާބާދުވެ ތަރައްގީ ވަމުންއަންނަ ސަރަހައްދެއްގައި ހުންނަ ލޮޓް N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި " ކޯލިވިން ހައުސިން”ގެ މަޝްރޫއުގެ ދަށުން އިމާރަތް ކުރާނީ 14 ބުރީގެ ޓަވަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަރީ

    ކޯލިވިންނިމޭއިރު އެއްބަޔަކު ނަހަލާލަށްވިހާ އަނެއްބަޔަކު އަލަންގިރި ކުޅިއަށްގޮސް ނިމިދާނެ.

    10
  2. ނައިބް ތުއްތު

    މާލެ ސަރުކާރު

  3. އަންނިދައްތަ

    ތިޔަތަން އިމާރާތް ކުރަމުން ދާނީ ބިމުއަޑިއަށް . ބަލަންތިބޭތި

  4. ރަން ރީނދޫ

    ދެން ހަމަ ކަޑަ ޖަހަންވީ. ތިޔައިން އެއްވެސް މަޝްރޫޢެއް ކުރިޔަށް ގެންދާކަށް ނުޖެހޭނެ ވިއްޔާ. ބާކީ މިއޮތް 6 މަހު އަތުން ހަނދާން ދެން އެކި މަޝްރޫޢު ތަކުގެ ކަޑަ ޖަހަންވީ. ދިވެހިން ގުނބޯ ހެއްދުން މި ވެރިކަމުގެ އެންމެ ބޮޑު ކާމިޔާބީ.

  5. ޏަނަ

    ޢަނެއް ހަކަން ތައް

  6. އަހުމަދު

    އަވާމެންދުރެއް. ވޯޓާ ދިމާކޮށް ދައްކާ ފޭކު ވާހަކަ

  7. ހަސަނު

    ކަޑަޖެހުމާ ބިންގާ އެޅުމުގެ މޫސުންބަހާރު އައީއެވެ..
    ދެންއަންނާނީ ތިކަން..އިންތިހާބުބޯމަފިގަ

  8. ކަޑަބެ

    ކޮބާ ޕްރޮޖެކްޓްގެ އަގު؟ އެއީ ސިއްރެއް ދޯ؟ ތިޔަ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ދުވަހަކުވެސް އަޑު ނާހާ ނަމެއް ކިޔާކުންފުންޏަކާ. ލާރިގަނޑު މަޅާލަން އަލަށް ރަޖިސްޓްރީކުރި ކުންފުންޏަކަށްވުން އެކަށީގެންވޭ

    • ނަން

      އެ ކުންފުންޏަކީ ހުޅުމާލެ ސިންތެޓިކް ޓްރެކް، ސްޓެލްކޯ ހިޔާ އަދި އެމްއޭސީއެލް ހިޔާ އެޅި ކުންފުނި