މާލެ ސިޓީ ކައުންސިލުން އާންމުންނަށް ހުޅުވާލި "ޗާލު މިސްކިތް" ފަންޑުން ލިބުނު ފައިސާއިން މިސްކިތްތައް މަރާމާތުޔ ކުރަން ފަށައިފި ކަމަށް ކައުންސުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުގެ " ޗާލު މިސްކިތް" ފަންޑަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާގެ ބަޖެޓް އަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުން 744713.90 ރުފިޔާ ކައުންސިލަށް ވަނީ ލިބިފައެވެ.

މާލެ ސިޓީ ކައުންސިލުގެ "ޗާލު މިސްކިތް" ފަންޑުން އެންމެ ފުރަތަމަ މަރާމާތު ކުރަން ފަށާފައިވަނީ މަސްޖިދުއް ތަޢާވުނީ ( އާސަހަރާ މިސްކިތް) އެވެ. މިއަދު ކައުންސިލުން ވަނީ އެ މިސްކިތުގެ ފެންޑާ ބައިގެ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތާއި އެ މިސްކިތުގައި ހުރި ރެނދުތައް ބައްދައި އަލުން ކުލަ ލުމަށް ކުލަކެހުމުގެ އިތުރުން ފާހަނަ ބަރި ކުރިމަތީ ތަޅުން އެޅުމުގެ މަސައްކަތް ކޮށްފައެވެ. މި މިސްކިތް މަރާމާތު ކުރުމަށް ފަށާފައިވަނީ އާންމު ފަރާތަކުން މި މިސްކިތް މަރާމާތު ކުރުމަށް ހަރަދުވާ ފައިސާ އެއްކޮށް "ޗާލު މިސްކިތް" ފަންޑަށް ހަދިޔާ ކުރުމުން ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލާ ކަމަށް ވުމުން ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައި ވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތުތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.