ނ. ލަންދޫގައި 180 ދަރިވަރުންގެ ޖާގައިގެ އައުޓް ޑޯ ލައިބްރަރީއެއް ހުޅުވައިފިއެވެ.

މިލައިބްރަރީ ހުޅުއްވައި ދެއްވީ ސުކޫލު ބޯޑުގެ މެމްބަރު އަލްފާޟިލް މާޖިދު މުހައްމަދެވެ. މިރަސްމިއްޔާތުގައި ލަންދޫގެ މުއައްސަސާތަކުގެ ވެރިންނާއި ސުކޫލުގެ ބެލެނިވެރިންނާއި ސުކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

ލަންދޫ ސްކޫލްގެ ލައިބްރަރީ ކުދިންތަކެއް ބޭނުން ކުރަނީ.

މި ލައިބްރަރީގައި ގިނަ އަދަދަކަށް އުދޯއްޔާއި ޖޯލިފައްޗާއި ތަފާތު ވައްތަރުގެ ބެންޗުތައް ހިމެނެއެވެ.

ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އަބްދުއްރަހީމް ވިދާޅުވީ ލައިބްރަރީއަކީ ދަރިވަރުންގެ ބަސް ކޮށާރާއި ކިޔުންތެރިކަން ރަނގަޅު ކުރުމުގެ މަގްސަދުގައި ހުޅުވި ލައިބްރަރީއެއް ކަމަށެވެ. އަދި މިއީ އެންމެ ބޭނުންވާ ގޮތަށް ފަރުމާ ކުރެވިފައިވާ ލައިބްރަރީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދަރިވަރުން ނުޖެހޭނެ ގަޑި ޖެހެންދެން ސުކޫލަށް ނުވަދެ ބޭރުގައި މަޑުކުރާކަށް. ލައިބްރަރީގައި ފޮތްކިޔަން މަޑުކޮށްލެވޭނެ. އަދި ބެލެނިވެރިންވެސް މިލައިބްރަރީގެ ބޭނުން ހިފަންވާނެ" ޕްރިންސިޕަލް ވިދާޅުވިއެވެ.

ލަންދޫ ސްކޫލްގެ ލައިބްރަރީ ކުދިންތަކެއް ބޭނުން ކުރަނީ.

މިއަދުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ސުކޫލުގެ ޓީޗަރުން އަދި މުއައްސަސާތަކުގެ ފަރާތުން ވަނީ ލައިބްރަރީ އަށް ފޮތް ހަދިޔާ ކޮށްފައެވެ.

" މިހާބޮޑު މަސައްކަތެއް މިކުރެވުނީ މުއައްސަސާތަކާއި ސުކޫލު ބޯޑާއި ޕީޓީއޭ އާއި ބެލެނިވެރިންނާއި ސުކޫލުގެ ސަޕޯޓިން ސްޓާފުންނާއި ރަށުގެ ބައެއް ކުންފުނިތަކުގެ އެހީ ތެރިކަމާއެކު. ސުކޫލު ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މިއެންމެހާ ފަރާތަކަށް ޝުކުރު އަދާކުރަން،" ޕްރިންސިޕަލް ވިދާޅުވިއެވެ.