އދ.މާމިގިލިން 2016 ވަނަ އަހަރުގެ ތެރޭގައި، ގޯތި ދޫކުރުމަށް ކުރި އިއުލާނަށް ފޯމް ހުށަހެޅި އާމިނަތު ޤާސިމް ނަމަކަށް ކިޔާ ފޯމް ރަށު ކައުންސިލުން ބާތިލް ކުރީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި އޭނާ އަށް ގޯއްޗެއް ދޭން ހުކުމް ކޮށްފައެއް ނުވެއެވެ. ކޯޓުން ނިންމީ ދެން މާމިގިލިން ގޯތި ދޭއިރު އާމިނަތުގެ ޝަރުތު ހަމަވޭތޯ ބެލުމަށްފަހު ގޯއްޗެއް ދިނުމަށެވެ.

މާމިގިލިން 2016 ވަނަ އަހަރު ގޯތި ދޫކުރިއިރު ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި އާމިނަތު ޤާސިމްގެ ނަން ހިމެނިފައިނުވަނީ ދެމަފިރިންނަށް ދެގޯތި ނުލިބޭ އުސޫލުގެ ދަށުން ގޯތި ދޫކުރާގޮތަށް ހަމަޖެހިފައިވާތީ ކަމަށާއި، އާމިނަތު ޤާސިމްގެ ފިރިމީހާގެ ނަމުގައި ކ.މާލެ ވިލިނގިލީގައި 1400 އަކަފޫޓުގެ ގޯއްޗެއް އޮތުމުންނެވެ.

އާމިނަތު ޤާސިމް ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ ފިރިމީހާއަށް ލިބިފައި އޮތް ގޯއްޗަކީ އޭނާ އެހެން މީހަކާ ކައިވެނިކޮށްގެން އުޅުނުއިރު ލިބިފައިވާ ގޯއްޗެކެވެ. އެ ގޯތީގައި ދިރިއުޅެނީ އެ ކައިވެނިން އާމިނަތު ޤާސިމްގެ ފިރިމީހާއަށް ލިބިފައިވާ ކުދިންނެވެ.

ފިރިމީހާއަކީ ކޮންމެ އިރަކުވެސް އަނބިމީހާ ވަރިކޮށް އޭނާ ދޫކޮށް ހިނގައިދާނެ މީހެއް ކަމުގައިވާއިރު، ގޯއްޗަށް އެދި ހުށަހެޅި މީހުންނަށް މާކްސް ދިނުމަށް މާމިގިލީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގައި، ގޯއްޗަށް އެދޭ މީހުންގެ މައިންބަފައިންގެ ގޯތި ނުވަތަ އެފަދަ ގޯއްޗަކުން ބައެއް ލިބުމުގެ ފުރުސަތު އޮތް ފަރާތަކަށް ލިބޭ ޕޮއިންޓުން ވަކި މިންވަރެއް އުނިކުރުމުގެ އުސޫލެއް ހިމަނާފައިވާ ނަމަވެސް، ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮންނަ ހާލަތުގައި، އެ ގޯއްޗެއްގައި ދިރިއުޅުމުގެ ފުރުސަތު ތަނަވަސް ވެފައިވާ މިންވަރަށާއި، ދަރިން ތިބި އަދަދުގެ މައްޗަށް ބަލައި ޕޮއިންޓް ލިބިދޭ ގޮތެއް ބަޔާންކޮށްފައި ނެތުމުގެ އިތުރުން، އެފަދަ ފަރާތްތައް މިފަދަ ފުރުސަތަކުން މަހުރޫމް ކުރުމަކީ، އާމިނަތު ޤާސިމްއާ އޭނާއާ އެއް ހާލަތެއްގައި ތިބޭ ފަރާތްތަކަށް ގޯތި ހޯދުމަށް އޮތް ބޭއިންސާފެއްކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އާާމިނަތު ޤާސިމްއަކީ ދިރިއުޅުމަށްޓަކައި އަލަށް ގޯތި ނަގާ މީހުންގެ ހުންނަންވާ ޝަތުރު ފުރިހަމަ ނުވާ ފަރާތެއް ކަމުގައިބަލާ، އޭނާ ހުށަހެޅި ފޯމު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ބާތިލުކޮށް ފައިވަނީ ރަނގަޅަށް ކަމުގައިވެސް ނުފެންނަ ކަމަށެވެ.

މީގެ ނަތީޖާއަކަށް ވެގެންދާނީ، މާމިގިލީ ކައުންސިލްގެ އިދާރާއިން އާމިނަތު ޤާސިމް ހުށަހެޅި ފޯމު ބަލައިގަނެ، އެ ފޯމު އިވޭލުއޭޓްކޮށް އެއަށް ޕޮއިންޓްދީ، ގޯތި ލިބިދިނުމަށް އޮތް އުސޫލުގެ ތެރެއިން އޭނާއަށް ލިބޭ ޕޮއިންޓްގެ ނިސްބަތުން ފުރަތަމަ 150 މީހުންގެ ތެރޭގައި ހިމެނޭނަމަ، އާމިނަތު ޤާސިމްއަށް ގޯތި ލިބިދިނުން ކަމަށާއި އެެހެންނަމަވެސް، 2016 ވަނަ އަހަރު ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ގޯތި ދޫކޮށް ނިމިފައިވާ ކަމުގައި މާމިގިލީ ކައުންސިލްގެ އިދާރާއިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވުމުން އިޢުލާނާ ގުޅިގެން އާމިނަތު ޤާސިމްއަށް މިހިނދުގައި ގޯއްޗެއް ދެވޭނެ ޙާލަތެއް ވުޖޫދުކުރެވޭނެ ކަމުގައި ނުފެންނަ ކަމަށް ހުކުމުގައި ވެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.

މިމައްސަލަ މާމިގިލީ މެޖިސްޓްރޭޓް ކޯޓުންނާއި ހައިކޯޓުން ނިންމީ އާމިނަތު ޤާސިމް އާއި ދެކޮޅަށެވެ.