މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ނޫސްވެރިކަމުގެ ތަމްރީނު ދިނުމަށް "ސްޓޫޑަންޓް ޖަރނަލިޒަމް ޕްރޮގްރާމް" އެއް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން މިއަދު ކުރިއަށް ގެންގޮސްފައިވަނީ އިސްކަންދަރު ކޮށީގައެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަގައިދެއްވީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ ތަޖްރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި މުޙައްމަދު ނާސިހް އަދި ޢަލީ ނިޝާން ހިމެނެއެވެ.

މި ޕްރޮގްރާމްގެ ދެވަނަ ސެޝަން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެމްއެމްސީން ބުނީ، މި ޕްރޮގްރާމްގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝާއުޤުވެރިކަން އުފެއްދުމާއި ކުދިންނަށް މި ދާއިރާއިން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ޕްރޮގްރާމްގެ ބައިވެރިން ރާއްޖޭގެ ބޮޑެތި ނިއުސްރޫމްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކަށް ގޮސް މަސައްކަތް ކުރާ ގޮތް ބަލާލައި ތަޖްރިބާކޮށްލުމުގެ ފުރުޞަތު ދިނުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ނިންމާފައިއެވެ.

މި ޕްރޮގްރާމްގައި ކުދިންނަށް ނޫސްވެރިކަމަކީ ކޮބައިކަމާއި ނޫސްވެރިކަމުގެ ދާއިރާގައި ކުރާ މަސައްކަތްތަކީ ކޮބައިކަން އަންގާ ދިނުމުގެ އިތުރުން ނޫސްވެރިކަމަށް ކުދިން ޝައުގުވެރިކަން އުފެއްދުން ވެސް މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދު ތެރޭގައި ހިމެނެއެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް މުޅި އަހަރުތެރޭގައި އެކި ފަހަރުމަތިން ތަމްރީންތައް ދިނުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.

މީގެ އިތުރުން އަވައްޓެރި އިންޑިއާ އަށާއި ޕާކިސްތާނުގެ އިތުރުން ޗައިނާއަށް އިން ލިބޭ ފުރުޞަތު ތަކުގައި ކުދިން ބައިވެރިކުރުމަށް ވެސް ރާވާފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ "ވަގުތު" އަށް ވިދާޅުވީ، "ސްޓޫޑަންޓް ޖާރނަލިޒަމް ޕްރޮގްރާމް" އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

ނޫސްވެރިން ތަމްރީންކުރުމަށް އިންޑިއާއި ޕާކިސްތާނުގެ އިތުރުން ޗައިނާއާއި، މޯލްޑިވްސް މީޑިއާ ކައުންސިލުންވަނީ މިއަހަރު ކުރީކޮޅު މަޝްވަރާކޮށްފައިއެވެ. މި މަޝްވަރާތައް ކާމިޔާބުވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވެފައިވެއެވެ.

"އެފަރާތުން ވަނީ އަޅުގަނޑުމެންނަށް ފެހި ސިގްނަލްދީފައި. އުންމީދަކީ މިއަހަރުގެ ފުރަތަމަ ކުއާޓާރ ނިމުމުގެ ކުރިން ހަމަޖެހިގެން އަންނާނެކަމަށް. އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ އަޅުގަނޑުމެންގެ 2 އަހަރު ޓާރމް ނިމުމުގެ ކުރިން އައު ނޫސްވެރިންތަކެއް އުފައްދާ މުޖުތަމަޢުއަށް ނެރުން." މުސްތަފާ ވިދާޅުވިއެވެ.

މިއަމާޒަށް ވާސިލް ކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ މީޑިއާ ޑިވެލޮޕްމަންޓް ރިލޭޝަން ކޮމިޓީއިން ދަނީ ވަރަށް ބުރަމަސައްކަތްތަކެއް ކުރަމުން ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.