މި އަހަރުގެ ރީތި ތާރީހެއްގެ ގޮތުގައިވާ މާދަމާ (23-23-02) ގައި 38 ކައިވެނި މާލޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ރީތި ތާރީހުތަކުގައި ދިވެހިން ކައިވެނި ކުރުމަކީ އަބަދުވެސް ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތެކެވެ. އެގޮތުން ރީތި ތާރީހެއް އަތުވެއްޖެ ނަމަ، ފެމިލީ ކޯޓަށް އަބަދުވެސް ބާރު ބޮޑުވެއެވެ.

އެގޮތުން މާދަމާއަކީ ވެސް އެ ކޯޓަށް ވަރަށް ބާރު ބޮޑު ދުވަހަކަށް ވާނެއެވެ. އެ ކޯޓުގައި މާދަމާ 38 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފައި ވެެއެވެ.

މާދަމާއަކީ މި އަހަރުގެ ފުރަތަމަ ރީތި ތާރީހެެވެ. އެ ކޯޓުން މިއަދު ބުނީ، މާދަމާ އެ ކޯޓުން 38 ކައިވެނި އަގްދުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދަކީ ވެސް މި އަހަރުގެ ރީތި ތާހީރުތަކުގައި ހިމެނޭ ތާރީހެކެވެ. ނަމަވެސް ފެމެލީ ކޯޓުން ބުނީ މިއަދު އެ ކޯޓުން ކޮށްދިނުމަށް ހަމަޖެހިފައިވަނީ 13 ކައިވެނި ކަމަށެވެ.

ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު މާލޭގައި 195 ކައިވެނި ކުރިއިރު ހަމަ އެ މަހު 127 ވަރި ކޮށްފައިވެ އެވެ.

ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 141 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.

ވަކިވަކި މައްސަލަތަކަށް ބަލާއިރު ވެސް ޖެނުއަރީ މަހު ފެމެލީ ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެ ބާވަތުގެ 147 މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވެއެވެ.