ސިހުރު ހަދަން ގެންގުޅޭ ފޮތްތަކެއް ގޭގެ ނިދާ ކޮޓަރިން ފެނުނު މައްސަލައިގައި 84 އަހަރުގެ ފިރިހެނަކު ތިން އަހަރު ދުވަހަށް ގޭ ބަންދު ކުރުމަށް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

އެރަށަށް ނިސްބަތްވާ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރާއްޖެއަށް ގެނައުން މަނާ ތަކެތި ރާއްޖޭގައި ގެންގުޅުމެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އޭނާ ދިރިއުޅެމުންދާ ކޮޓަރި ތެރޭގައި ސިހުރު ހާހޫރަ ހެދުމަށް ބޭނުން ކުރާ ޒާތުގެ ލިޔުންތައް ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެގެއަށް ގޮސް ކޯޓު އަމުރެއްގެ ދަށުން އެގެ ބަލާފާސްކޮށް، އޭނާގެ ކޮޓަރީގައި ހުރި ނިދާ އެނދުމަތީގައި ސިހުރުހާހޫރަ ހަދަން ބޭނުން ކުރާ ކަަމަށް ތުހުމަތު ކުރެވޭ ދިވެހި އަދި އަރަބި ލިޔުންތައް ފެނިފައިވާ މައްސަލައިގައެވެ.

އެ މައްސަލައިގައި ޖަވާބުދާރީވަމުން އޭނާ ކޯޓުގައި ބުނެފައި ވަނީ، އެ ފޮތްތަކަކީ އޭނާގެ ބޭބެ ނިޔާވިއިރު ބޭބެ ގެންގުޅެފައިވާ ފޮތްތަކެއް ކަަމަށެވެ. އަދި ބޭބެ ނިޔާވި ފަހުން ފޮތްތައް ގެންގުޅެނީ އޭނާ ކަމަށާއި، އެ ފޮތްތަކުގެ ތެރޭގައި ސިހުރު ހަދާ ފޮތްތަކެއް ހުރި ނަމަވެސް، އެއީ ސަރުކާރުން ޗާޕްކޮށްފައި ނެރުމުން ގަނެފައި ހުރި ފޮތްތަކެއް ކަމަށް ބުނެފައި ވެއެވެ. އަދި ފުލުހުން ބަލާފާސް ކުރި އިރު ދެ ފަންޑީތަ ފޮތް އޮންނާނެ ކަމަށާއި، އެއީ މަސްވެރިކަމާއި ގުޅުން ހުރި ފަންޑީތަ ހެދުމަށް ބޭނުން ކުރާ ދެ ފޮތް ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެއީ ސަރުކާރުން ޗާޕްކޮށްފައި ނެރުމުން ގަނެފައި ހުރި ފޮތްތަކެއް ކަމެއް އޭނާއަށް ސާބިތުކޮށް ދެވިފައެއް ނުވެއެވެ.

އަދި އޭނާގެ ނިދާ ކޮޓަރިން ފެނުނު ގަނޑުތަކާއި، ފޮތްތަކަކީ ސިހުރު ހަދަން ބޭނުން ކުރާ ފޮތްތަކެއް ކަން އިސްލާމިކް މިނިސްޓްރީން ވަނީ އެކަން ފާހަގަކޮށް، ރިޕޯޓެއް ތައްޔާރު ކޮށްފައެވެ.

އެހެންކަމުން އެ ކޮޓަރިން ފަންޑީތަ ހަދަން ބޭނުން ކުރާ ލިޔުންތައް ފެނިފައިވާކަން އިސްލާމިކް މިނިސްޓްރީގެ ރިޕޯޓުންނާއި، އޭނާގެ ވާހަކަތަކުން އެނގޭ ކަމަށް އެ ހުކުމްގައި ވެއެވެ.

މިއީ އޭނާގެ މައްޗަށް ތިން އަހަަރާއި އަށް އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ މައްސަލައެއް ކަމަށް ބުނެފައި ވެއެވެ. އަދި އަރުވާލުން ނުވަތަ ގޭބަންދަކަށްވެސް ބަދަލު ކުރެވިދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ ވަކީލު ވަނީ އޭނާއަކީ 84 އަހަރުވެފައިވާ، ދާއިމީ ބައްޔަކަށް ބޭސް ކުރަމުންދާ ފަރާތެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ކުރިމަތިވެފައި ނުވާތީ ކުޑަ އަދަބެއް ދިނުމަށް އެދިފައި ވެއެވެ.

މިއާއެކު އެ ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ގޭ ބަންދު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ނ. އަތޮޅު ލަންދޫ މިގޮތަށް ބަލާލަބަލަ ފުލުހުން.
    އެތައްބަޔަކުގެ ދިރިއުޅުން ހަލާކު ކޮށްފި.

    8
    1
    • ސަމަދުބެ.

      ކަލޭމެންނަކީ މާތްރަސްކަލާންގެ މިންވަރުފުޅަށް އީމާންނުވާމީހުން. ޑޮކުޓަރު ބޭސް ކައިގެން ބަލި ރަނގަޅު ނުވެއްޖެއްޔާ އެއީ ކޮންމެވެސްމީހަކު ހެދި ސިހުރެކޭ ކިއާފަ މީހެއްގެ އަބުރު ކަތިލީމަ އެނިމުނީ. ދެންގޮސް ޕޮލިހުގަ މައްސަލަޖެއްސީމަ ޕޮލިހުންވެސް ތިބެނީ ހަމަހެޔަކު ނޫން. އެގޭގަ ސިފަތުފުޅެއް އޮތަސް އެއީ ސިހުރުހަދާ އެއްޗެއް. މިއީ މިގައުމުގެ ހާލަތު. އަނބިމީހާ ވަރިވިއަސް އެވެސް ސިހުރު. ފިރިމީހާ ވަރިކުރިއަސް އެވެސް ސިހުރު. ބައްޔެއް ރަނގަޅުނުވިއަސް އެވެސް ސިހުރު. މިއީ ސީދާ ޒަޔަނިސްޓު ވައްހާބީންގެ ޝިރުކުގެ ޢަގީދާ. އަހަރުމެން الله ގެ މިންވަރުފުޅަށްރުހިގެން ސަބަބުތަކުގައި ހިފައިގެން އެކަމުން ސަލާމަތްވާން މަސައްކަތްކުރާނީ. މީހުންގެ ބޮލުގައި ބޮޑެތި ދޮގު އިލްޒާމު އަޅުވާ މީހުންގެ އަބުރަކަށް އަރައެއް ނުގަންނާނަން. އަހަރުމެންމީ މުސްލިމުންކަމުގައިވާތީ.

      3
      1
  2. ނާނު.

    ސިހުރާއި ފަންޑިތަ އެއީ މުޅިން ވަކި ދޭތި. މިރާއްޖެއަށް ވައްހާބިޒަމް އައިފަހުން ހުރިހާކަމެއް އޮޅިފަ. އެއްކައުވަންތަ އިލާހަށް އިތުބާރުނުކުރާ މީހުން އަބަދުވެސް ތިބޭނީ ސިހުރު ހާހޫރައިގެ ވަހުމުގަ.

    7
    1
  3. ޒާ

    މީހަކު އަތުގާ އެއްޗެއް ހުއްތަސް އެއިން މީހަކަށް ގެއްލުމެއްދޭން އުޅުނުކަމަށްނުވޭ. ތިއަށްވުރެން ބޮޑެތިކަންކަން މީހުންކޮށްފައި މިނިވަންކަމާއެކު އެތިބަ އުޅެނީ. ވީއިރު ދުވަސްވީމީހަކަށް ތިދިނީ އޭނާ ކުރިކުށަކާއި ނުލާ ކޮންފަދަ އަނިޔާއެއް.

    9
    3
    • Anonymous

      ސިހުރު ހަދަނީ ކީއްކުރަން.. އޭގެ ސަބަބުން މީހުންގެ ދިރިއުޅުން ހަލާކެއްނުވާނެތަ. ކިތައްމީހުންގެ ދިރިއުޅުން ހަލާކުވާނެބާ އެކަމުގެ ސަބަބުން.

      2
      2
  4. ޢަބްދުލްމުހައިމިން

    " އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ކުރިމަތިވެފައި ނުވާތީ ކުޑަ އަދަބެއް ދިނުމަށް އެދިފައި ވެއެވެ."
    ކިހިނެއް އެނގެނީ ގެއްލުމެއް ނުވާކަން. ކިތައް މީހުންގެ ކަންތައް ނިންމާލަން ޞިޙުރު ހަދާފައި ހުންނާނެބާ؟ އެފަދަ ތަކެތި ގެންގުޅުމުގެ އެހެން ބޭނުމަކީ ކޮބާ؟

    3
    1