މިރޭ ފެނިގެންދާ ހަނދު ހުންނާނީ ކައުބަތުﷲ ގެފުޅާއި ދިމާލަށް މަތީގައި ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ.

ފަލަކީ އިލްމުވެރިންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިރޭގެ ހަނދު ގެފުޅާއި ދިމާލު މަތިން ފެނިގެންދާނީ ރާއްޖެ ގަޑިން ދަންވަރު 12:43 ގައެވެ. ހަނދު ހުންނާނީ ގެފުޅުން ފެށިގެން 405,368 ކިލޯމީޓަރު އުހުގައެވެ.

ސައުދީގެ ފަލަކީ އިމްވެރިންގެ ޖަމްއިއްޔާގެ އިސްވެރިޔާ މާޖިދް އަބު ޒާހިރާ ބުނެފައިވަނީ ހަނދު ފެނިގެންދާ ގައުމުތަކުގެ މީހުންނަށް ގުބްލަ ހުންނަ ދިމާ ސީދާ އެނގިގެންދާނެ ކަމަށެވެ.

މިރޭ ހަނދު ގެފުޅާއި ސީދާވާއިރު، މިއީ ކޮންމެ އަހަރު އެއް ފަހަރު ފެންނަ މަންޒަރެކެވެ. މިދިޔަ އަހަރު ހަނދު ގެފުޅާއި ސީދާވެފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި 2021 ވަނަ އަހަރު މި މަންޒަރު ފެނިގެން ގޮސްފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮންމެ އަހަރު އެއް ފަހަރު މި މަންޒަރު ފެނުނު ނަމަވެސް ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި ގެފުޅު މަތިން އިރު ދަތުރު ކުރަނީ ކޮންމެ އަހަރެއްގެ ދެފަހަރުއެވެ. އާންމުކޮށް އެއީ މޭއި މަހާއި ޖޫން މަހުގެ ދުވަހެއްގައެވެ. މިގޮތަށްވާއިރު ގެފުޅުގެ ހިޔަނި ނުހުންނާނެ ކަމަށް އިލްމުވެރިން ބުނެއެވެ.