އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދައްކަވަނީ އެއްވެސް ކަހަލަ ތަސައްވުރެއް ނެތް ވާހަކަތަކެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ތ. އަތޮޅަށް ރައީސް ޔާމީން ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތޯރިގް ވިދާޅުވީ ޖީޑީޕީއަށް އެހާ ބޮޑު ކުރިއެރުމެއް އައީ ރައީސް ޔާމީން ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ކަމަށެވެ.
"ދެން އޮތް އަހަރަށް ރައީސް ޔާމީން އަބްދުލް ގައްޔޫމް އިންތިހާބުވެއްޖެ ނަމަ، އެމަނިކުފާނު ރާއްޖޭގެ ޖީޑީޕީ 20،000 އެމެރިކާ ޑޮލަރާ ހަމައަށް ގެންދަވާނެ ,ރާއްޖޭގެ ޖީޑީޕީ 4000 ޑޮލަރުން 10،000 ޑޮލަރަށް އެރީ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި " ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވައިފި ނަމަ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ޖީލުތައް އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ކުރިއަށް އޮތް ފަސް އަހަރެއްގައި، ރާއްޖޭގެ ބޮލަކަށް ޖެހޭ ޖީޑީޕީގެ މިންގަނޑު 20،000 ޔޫއެސް ޑޮލަރަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވާނެ ކަމަށް ވިދާޅުވަނީ. އެއީ ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ހުރިހާ އެންމެން ގަބޫލު ކުރަނީ،" ތޯރިގު ވިދާޅުވި އެވެ.
މި ޖަލްސާގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ތޯރިގް ވިދާޅުވީ އިބޫ ދައްކަވަމުން ގެންދަވަނީ އެއްވެސް ކަހަލަ ތަސައްވަރެއް ނެތް ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު އޮތީ ދެރަ ހާލެއްގައި ކަމަށް ވިދާޅުވެ ތޯރިގު ވަނީ ފާޑުވިދާޅުވެފަ އެވެ.
"ވެރިކަގައި އަށާރަ މަސް ދުވަހު ހުންނަވާ ބޭފުޅަކު މާބޮޑެތި ސްޓްރެޓަޖިކް ވިސްނުންތަކެއް ވިސްނަވާކަށް ނުޖެހޭނެ. ރައްޔިތުންނާ ދޭތެރޭ މާބޮޑަށް ވިސްނަވާކަށް ނުޖެހޭނެ." ތޯރިގު ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމަށް އިޝާރަތް ކުރައްވާ ތޯރިގް ވިދާޅުވީ ، އޭރު ދިވެހިން ތިބީ ޑޮލަރު ހޯދަން ދަތިވެފައި ކަމަށާއި ދައުލަތް އޮތީ ދަރާފައި ކަމަށް ތޯރިގު ވިދާޅުވި އެވެ. ތޯރިގު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން އެމްޑީޕީއަށް ލިބުނު ފުރުސަތުގައި އެ ޕާޓީއިން ރައްޔިތުން ބިކަ ކުރީ ކަމަށެވެ.
ޠާރިގު ވިދާޅުވީ ވަރަށް ރަގަނޅު ވާހަކައެއް، މުޅިންވެސް ކޮސް ވާހަކަ ދައްކަނީ.