އިޢުލާންނުކޮށް ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް އާއި ނައިބް ރައީސަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ހާމަކުރި ގޮތުގައި ގުރައިދޫއިން ބިން ދޫކޮށްފައިވަނީ އިއުލާން ކުރުމަކާ ނުލައެވެ.

އެހެންކަމުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާކޮށްފައި ވަނީ ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ހުސައިން އަހަދު އާއި އެ ކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސަރާހްގެ މައްޗަށެވެ.

އޭސީސީ އިން ބުނީ މި ދެ ބޭފުޅުން ކައުންސިލްގައި ތިއްބެވި އިރު ބިންތަކެއް ބަޔަކަށް ދޫކޮށްފައިވަނީ ހެދިފައިވާ ގަވައިދާއި އުސޫލާ ހިލާފަށް ކަމަށާއި އިއުލާން ނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ހުސައިން އަހަދު އާއި މުހައްމަދު ސަރާހު ސޮއިކުރައްވާފައިވާ ކަމަށެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ގުރައިދޫ ކައުންސިލުން އަމަލުކުރަމުންއައި އުސޫލާ ޚިލާފަށް އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ދެ ބޭފުޅުން ސޮއި ކުރައްވާފައިވުމުން ބިންތައް ދޫކުރުމުގައި އެ ދެ ފަރާތުގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ރާއްޖެތެރޭގެނިކަމެތި ރައްޔިތުންނާމެދު ދަޢުވާކުރާއިރު މިނިސްޓްރީތަކުން ހިންގާބޮޑެތިކަރަޕްޝަންތައް ނުބެލެނީ ކީއްވެބާ ހާއްސަކޮށް އަމީނީމަގުހެދުމުގައި ހިންގި ބޮޑު ކަރަޕްޝަން ބަލައިގިޔަވަޅުއަޅައިބަލަ ރާއްޖެތެރޭގެ މީހަކުވިއްޔާ މާލޭސަރުކާރުން މިފިޔަވަޅުއަޅަނީދޯ މިވެސްއިންސާފުތަ