މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީ (ޖޭޕީ) ބޭފުޅުން އިސްތިއުފާ ދޭންޖެހޭނެ ކަމަށާއި، އިސްތިއުފާ ނުދީފިނަމަ މަގާމުން ވަކި ކުރަން ޖެހޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާ ގެ މެންބަރު އަބްދުލްﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ މައި އޮފީސް، މ. ކުނޫޒްގައި ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު، ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ.

އެ ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އެ ބޭފުޅުން ވަކިކުރަން ވެސް ގޮވާލައްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްގެ އެހީއާ އެކުގައި ކޯލިޝަނަކުންނެވެ. މި ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ތިން ވަޒީރުންނަކީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި ވަޒީރުންނެވެ.

އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވައެވެ.

ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

މި ބޭފުޅުންގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުގެ ނައިބުންގެ އިތުރުން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ އެކިއެކި ބޭފުޅުން ތިއްބަވައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަނީފް ވިދާޅުވީ، މިއަދުން ފެށިގެން ކޯލިޝަނުން އެ ބޭފުޅުން ގެ މަޤާމު ތަކުގައި ތިއްބެވި ޖޭޕީ ބޭފުޅުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

"އެއީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި ބަޔަކަށް ރައީސުލްޖުމްހޫރިއްޔާ ވާދަކުރާ އެ ޕާޓީ ގެ ކެންޑިޑޭޓެއް ހުރެމެ ކިހިނެއްތޯއޭ އެ ބޭފުޅުންނަށް، ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ، މީ އަޅުގަނޑު މަސްލަހަތައްޓަކައި ދައްކަވާ ވާހަކައެއް" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ޖޭޕީ ގެ ހައްގެއް ކަމަށާއި، އެ ބޭފުޅުންނަށް އެކަން ގެއްލިގެން ނުދާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ތެރެއިން، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އާއި ވާދަވެރި ޕާޓީ ގެ މެންބަރުން ތަކެއް މިނިސްޓަރުންނާއި އެ ނޫން ކަންކަމުގައި ތިބެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަނީފް އިތުރަށް ވިދާޅުވީ، މަގާމުތަކުގައި ތިބި ޖޭޕީ ބޭފުޅުން އިސްތިއުފާ ނުދެއްވައިފިނަމަ ވަކިކުރަން ޖެހޭނެ ކަމަށެވެ.

"އަހުލާގީ މިންގަނޑުން ބަލައިގެން އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން، އިސްތިއުފާ ނުދޭ ކަމަށް ވެއްޖެއްޔާ މި ގައުމު ހިންގަން ބޭނުންކަމަށް ވެއްޖެއްޔާ އިބްރާހީމް މުހައްމަދު ސާލިހް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ތިބެގެން ހިދުމަތް ދެވޭނީ އެ ބޭފުޅުން އެ މަގާމުތަކުން ވަކިކޮށްގެން، މި ކަން ކުރަން ޖެހޭނެ" ސަނީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާސްކް

    ނުވާނެ ތިކަމެއް އަންނި ޕާޓީން ކަޑާ ނުލެވުނުބައެއްތި

  2. މުބީނު މާރނީ

    ސަނީފު އަކީ އިބޫ އަށް ވައި އަޅުވައިގެން އަބަދުވެސް އުޅޭ މީހެއް.

  3. ސސ

    ބަލަ އިބޫ އަށް ދެވަނަ ދައުރެއްދޭން ޖެހޭތަ،؟ 2018 ގެކޯލީޝަން ސަރުކާރު ހެދީވެސް އެގޮތަށް ތޯ ؟ ސަރުކާރު ނިމެންދެކަށް މދައުރު ނިމެން ދެކަށް ކޯލީޝަން ސަރުކާރުގެ ސިޔާސީ މީހުނާއި އެކު ސަރުކާރު އޮންނާނެ ! ރިޔާސީ ކެޑިޑޭޓުން ވާދަކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީ އަކަށް ލިބިގެންވޭ !

  4. މަހުމަ

    ގާސިމައް ތާއީދު މިކުރަނީ ގާސިމުގެ ކޮރެޕޓް އާމްދަނީން ކައިގެން އުޅޭމީހުން .... މާތާހިރު ބައެއްކަމުގަ ހެދިގެން އުޅެނީ މިބައިގަނޑު މައިތިރި ކުރުމުގަ ޔާމީނު ވަނީ ފޭލިވެފަ. !!!!ސާލިހު ކުރަންވީ ކަމަކީ ވިލާގުރޫޕުގެ ނާޖާއިޒު އެޑުވާންޓޭޖު ކަންތައްގަޑު ހާމަކޮއް އަވަސްކަމާ އެކުގަ ޝަރީއަތައް ފޮނުވަންވީ. !!!!އަބަދުވެސް ރައީސްމީހާ ވަގު ގޯސް މީނަރަނގަޅު. ؟؟؟؟!

    2
    3
  5. ޑައެލޯގް

    އިބޫބުނަނީ އިބޯއަކީ ކޯލިޝަން ހިފަހައްޓަންދަންނަ މޮޅުމީހެއްކަމަށެވެ. އަދި އިބޫގެ ބައިވެރިންވެސް ބުނަމުންއައީ އެންމެނާގުޅެންއެގޭ މީހަކީ އިބޫއެވެ. އެކަމަކު އަމިއްލަޕާޓީ ނިހިފެހެއްޓުނު މިހާރު ކޯލިޝަނެއްވެސް ހުހިފެހެއްޓުނުއެވެ.