ބޭރުގެ ނުފޫޒުން ދިވެހިން ދިފާޢު ކުރާނެ ސިޔާސަތެއް އިދިކޮޅުގައި ނެތް ކަމަށާއި ދިވެހިރާއްޖެ އަށް ބޭރުގައުމުތަކުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ދާއިރު ވެސް އެކަމާއި ބެހޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމް ވާހަކަފުޅު ނުދެއްކެވުމަކީ ދިވެހި ރައްޔިތުން އެކަމާއި ފުންކޮށް ވިސްނަވަން ޖެހޭ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއެވެ.

ޝިޔާމް މިރޭ "ވަގުތު" އަށް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ވެސް އަދި ރަނިން މޭޓް ވެސް ބޭރު ގައުމުތަކުން ފޯރުވާ ނުފޫޒާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް އެއްވެސް ތަނެއްގައި ވިދާޅުނުވަނީ ކީއްވެކަން އެބޭފުޅުން ސާފުކޮށްދެއްވަން އެބަ ޖެހޭ ކަމަށެވެ.

"ބޭރުގެ ނުފޫޒުތައް ރާއްޖެ އަށް ފޯރުވުމަކީ ދިވެހިން ވަރަށް ބިރުގަންނަ ކަމެއް. އެއީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލާއި ގުޅުން ހުރި މައްސަލައެއް. ނަމަވެސް އިދިކޮޅު ކެންޑިޑޭޓް ވެސް އަދި ރަނިން މޭޓް ވެސް މިކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވޭ. އެއީ ކީއްވެތޯ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓްގެ މެނިފެސްޓޯގައި ބޭރުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތް ކުރަން ކަމެއް ކުރައްވާނަމަ އެކަމެއްގެ ވާހަކަ ލިޔުއްވަން އެދިވަޑައިގަންނަވާ ކަމަށެވެ. "މެނިފެސްޓޯގައި ލިޔުއްވަން ކެރިވަޑައި ނުގަންނަވަންޏާ ޕޯޑިއަމެއްގައި ވެސް ވިދާޅުވާން ކެރިވަޑައިގަންނަވާނެތޯ ބޭރުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތް ކުރުމަށް ކުރައްވާނެ ކަންތައްތައް؟" ޝިޔާމް ވިދާޅުވިއެވެ.

ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ފޯރުވާ މައްސަލައިގައި އެއްވެސް ކަމެއް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ކުރައްވާނެ ކަމަށް އިބޫ ވިދާޅުނުވާކަން ޝިޔާމް ފާހަގަ ކުރެއްވެވިއެވެ.

"ރައީސް ޔާމީން އެބަވިދާޅުވޭ ބޭރުގެ ނުފޫޒުތަކުން ރާއްޖެ ސަލާމަތް ކުރައްވާނެ ވާހަކަ. ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިނިވަންކަމާއި އިސްތިގުލާލު ދިފާޢު ކުރައްވާނެ ވާހަކަ. އިބޫ އަށް ކެރިވަޑައެއް ނުގަންނަވާ އެހެން ވިދާޅުވާކަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ނާޖާއިޒު ގުޅުންތައް ހިންގައިގެން ވެސް އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ ގައުމުގެ ވެރިކަމެވެ.

"އެބޭފުޅުންނަށް ހެޔޮ ކޮންމެ އަގެއް ދައްކައިގެން ވެސް ވެރިކަން ލިބިއްޖެއްޔާ. މިނިވަންކަމާއި އިސްތިގުލާލު ޤުރުބާން ކޮށްފައި ވެސް ބޭނުން ވަނީ ވެރިކަން" ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޕމ އުތުރު ކޮޅު ޒުވާނުން

    ސާބަސް ބުރޯ...
    ބުރޯއާ އެކޮށްމިތިބީ

  2. ނުރަބޯ

    ބޭރުގައުމުތަކާ ޖަމިއްޔާ ޖަމާޢަތް ތަކުގެ ނުރަގަޅު ނުފޫޒު މީގެކުރިން މިގައުމަށް ފޯރާފައެއް ނެތެވެ. އެކަން ފެށުނީ އެމްޑީޕީ އިން ގައުމުގެ ވެރިކަން ހޯދަން ފައިނެގި ހިސާބުން ނެވެ. މިހާރުވެސް އެ ނުފޫޒު އެ ފޯރުވަނީ ހަމަ އެމީހުން މެދުވެރި ވެގެންނެވެ. ނަމަވެސް މިހާރު ވެރިކަމުގައި ހުރީ، އެއްވެސް ބާވަތެއްގެ ނުރަގަޅު ނުފޫޒެއް ނުވަތަ ޑިމާންޑެއް ގަބޫލުކުރާކަހަލަ ވެރިއެއް ނޫނެވެ. އެއަށްވުރެ މާ ހިތްވަރުގަދަ އަދި ސާބިތުކަމާއި އެކު މަސައްކަތް ކުރާ ވެރިއެކެވެ. އެހެންކަމުން މިހާރު އަންނަ ނުފޫޒުތައް ޖެހެނީ ހަމަ އިންޝާﷲ އައިކޮޅަށް އަނބުރާ ދާށެވެ.....!!!

  3. އަލީ

    ނޯންނަނީ އެމީހުންތިބީ ބޭރުގެ މީހުންގެ ނުފޫޒުގަ ވީމަ.

  4. ހުސޭނުބޭ

    އަޅެ އެހެންނު ވާނީ.... އެސޮރުމެންނަށް ތިބެނީވެސް ބޭރަށް ހިންގުން ޖެހިފައި. މިސާލަކަށް
    ވެރިުކަން ނުލިބެނީސް ގެޔަކަށް ނުވަންނާނެ
    މައިބަދައިގެ ބައްޔެއްގައިވެސް ދިޔައީ ބޭރަށް
    ހާޓްއެޓެކެއް ޖެހިގެން ހިވެސް ނުކުތީ ބޭރަށް
    ބިރު ފަހަނައަޅާ ބޭރަށް ނުކުންނަން ޖެހޭ ......... މުޅިންވެސް ބޭރަށް..... ބޭރަށް