ރާއްޖޭގައި ތާރީހުގައި މިހާރަށްވުރެ ރަނގަޅަށް އިންސާފު ގާއިމްކުރެއްވި ވެރިކަމުގެ ދައުރެއް ދިވެހި ރައްޔިތުން ދެކިފައިނުވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަޒްލީން އެގޮތަށް ވިދާޅުވީ، މިއަދު މިއޮތް ސަރުކާރު ބަދަލުކޮށް ރާއްޖޭގައި އިންސާފު ގާއިމްކުރައްވާނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ދައްކަވާ ވާހަކަފުޅުތަކަށް ރައްދުދެއްވައެވެ.
ޗެނަލް13 ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މީގެ 30 އަހަރު ނުވަތަ 10 ވަރަކަށް އަހަރު ކުރިއަށް އަޅައިބަލާއިރުވެސް ރާއްޖޭގައި މިއަށްވުރެ ރަނގަޅަށް އިންސާފު ގާއިމްކުރެއްވި ދައުރެއް ދެކިފައި ނުވާ ކަމަށެވެ.
"ރައީސް ޔާމީންގެ ޒައާމަތުގައި ވަކި މީހަކަށް ބެލުމެއްނެތިވެ، ގާނޫނު އަސާސީ ނެގެހެއްޓި އަދި އެކެއްގެ ހައްގު އަނެކެއްގެ ހައްގުތަކާ ފުށުނާރާނެ ގޮތަށް ހައްގުތައް ފޯރުކޮށްދެއްވީ އިތުރުވެރިއަކު ޑިމޮކްރަސީގެ ހަޔާތުގައި ދިވެހިރާއްޖެ ދެކިފައެއްނުވޭ،" މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބޫ އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގަންނަވާ ވައުދުފުޅުތަކަށް ވެސް އަޒްލީން މިރޭ ވަނީ ރައްދުދެއްވައިފައެވެ.
އެގޮތުން، ކެމްޕެއިން ދަތުރުފުޅުތަކުގައި އެއްވެސް ހަރުދަނާ ވައުދުފުޅެއް އިބޫ ވެވަޑައިގެންފައިނުވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި އެއްވެސް ޕްލޭނެއް ނެތް ކަމަށާއި ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި ކަންތައްތަކާއި މިވަގުތު ބޭނުންވަނީ ކޮން ރަށަކަށް ކޮންކަމެއްކަން އެއްވެސް ވަރަކަށް އިބޫއަށް އެނގިވަޑައެއް ނުގަންނަވާ ކަމަށެވެ.
އަދި ވެރިކަން ކުރެއްވުމުގެ ވައްޓަފާޅި ރައީސް ޔާމީންގެ ފަރާތްޕުޅުން އިބޫ ދަސްކުރައްވަންޖެހޭ ކަމަށް އަޒްލީން ވިދާޅުވިއެވެ.
"އިބޫއަށް ވެސް އެމަނިކުފާނުގެ ކެމްޕެއިން ޕްރޮސެސް ގެންދަވަންވީ ގޮތް އޮޅިފައި އެ ހުންނަވަނީ..އެމަނިކުފާނަށް ރަނގަޅަކަށް އެނގިވަޑައެއް ނުގަންނަވާ ރަށްރަށުގެ ހާލަތަކީ ކޮބައިކަމެއް ވެސް. އަޅުގަނޑު މިއަދު ބޭނުންވޭ އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ރަނގަޅަށް ރައީސް ޔާމީންގެ ކިބައިން ވެރިކަން ކުރެއްވުމުގެ ވައްޓަފާޅި ދަސްކުރައްވަން. ވައުދުތަކެއް ވެވަޑައިގަތް އެ ވައުދުތައް ފުއްދަވަނީ ކިހިނެތްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލައްވަން ހަގީގަތުގައި ވެސް އެކަށީގެންވާ ބޭފުޅެއްތޯ ދިވެހި ރައްޔިތުން ސުވާލު އުފައްދަވާ ކަމަށެވެ.
ޕްރޮގްރާމްގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ނަމުގައި މިއަދު ނުކުމެގެން އުޅޭ ބަޔަކީ 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށް އެއްގަލަކަށް އަރައިގެން މަސައްކަތްކުރެއްވުމަށްފަހު، އެ ކޯލިޝަނުން ވަކިވެ، ހަލާކުވެގެންދިޔަ ބައިވެރިންކަމަށެވެ.
އަދި އިދިކޮޅު އިއްތިހާދުގެ ކިބައިގައި ރައީސް ޔާމީނާ ވާދަކުރެވޭނެ ފެންވަރެއް ނެތްކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި ތިބީ ސިޔާސީ މައިދާނުގައި ފެއިލްވެ، ސިޔާސީ ޕާޓީތައް ހިންގަމުންދާ ފަރާތްތަކެއް ކަމަށެވެ. އަދި ކޯލިޝަން ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެތް ކަމަށާއި އަދިވެސް އެތެރޭގެ ހަމަނުޖެހުން އޮތް ކަމަށް ވިދާޅުވިއެވެ.
ވަރަށް ބޮޑު ތެދެއް ބަޔަކު އިންސާފެއްނެތޭ ގޮވަމުން ދުވިޔަސް ކުށްކުރީމަ މަންމައެއް ބައްޕައެއް ދޮންބެއެއް ދޮންތައެއް ކޮށްކޮއެއް ދަރިއެއް އޮވެގެންނުވާނެ. މިވެރިކަމުގައި ކުޑަދޮންބެއާއި އާއިލާގެ މެންބަރުންނަށްވެސް ކުއްކުރީމަ އެވަނީ އިންސާފު ޤާއިމް ކޮށްފަ. ކުށްވެރިން ނަކީ ގާތްތިާގެ މީހުންވީމަ ދޫކޮށްލވިގެން ނުވާނެ. ސާބަސް ރ ޔާމީން. ﷲ އިރާދަފޅުން 2018 ރައީސް ޔާމީނަށް.
އަސްލުވެސް ތިޔަބުނީ ހަމަ ރަނގަޅަށް. ވަކި މީހަކަށް ނުބަލާ އިންސާފު ގާއިމް ކުރެއްވީ ރައީސް ޔާމީން.
ލައްބަ. އިންސާފު ގާއިމުކުރެވިފަ އޮތްތަން އަޅުގަނޑުމެނނަށް ފެނިއްޖެ. ވަރަށް ސަލާން.