ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ސްޓޭޝަނެއް އަޅަން އުޅޭތީ އެކަމާއި ގުޅޭގޮތުން އެ އަވަށުގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ވިލިޖޯލި އަދި ސޭވް ދަ ބީޗް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ދެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވިލިމާލެއަކީ ހާއްސަ ޕްލޭނިން ކޮންޓްރޯލިންއެއްގެ ފެހި ގުދުރަތީ ސިފަތަކެއް ދަމަހައްޓަމުން އަންނަ މާލޭގެ އަވަށެއް ކަމަށެވެ. ރަށެއްގެ ގްރީން ވެޖިޓޭޝަން ލައިން ނުވަތަ ބަފާ ޒޯންއަކީ ޖީލުތަކަށް ދެމިގެންދާގޮތަށް އެ ރަށެއްގެ ރަށްވަންތަކަން ދެމެހެއްޓުމަށާއި އެ ރަށެއްގައި ދިރިއުޅޭ މީހުންނާއި ރަށުގެ ދިރުންތަކަށް މުހިންމު ސަރަހައްދެއް ކަމަށް ބުނެފައިވެއެވެ.

އެގޮތުން ޖީލުތަކަށް އެފަދަ ތަންތަން ބޭއްވުމަކީ ކުރިއަށް އޮތް ތަނުގައި އެތަނުގައި ދިރިއުޅެން ތިބި ބައެއްގެ ވެސް ހައްގެއް ކަމަށް ބަޔާނުގައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ވިލިމާލެ އަވަށުގައި ބަގީ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަކީ އެ ޖަމިއްޔާތަކުން ތަރުހީބުދޭ ކަމެއް ކަމަށާއި ނަމަވެސް ބަގީ ސްޓޭޝަން އެޅުމަށްޓަކައި ހިޔާރުކޮށްފައިވާ ސަރަހައްދަކީ ބަފާ ޒޯންއަކަށް ވެފައި އެ ސަރަހައްދަކީ ޒަމާންވީ ބިޔަ ގަސްތަކެއް ހުރި ސަރަހައްދެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާތަކުން ދެކޭ ގޮތުގައި މިފަދަ ތަންތަނަކީ ވިލިމާލޭގައި ދިރިއުޅޭ އަދި ދިރިއުޅެން ތިބި މީހުނަށް މިހާރު ވެސް މި އޮތް ގޮތަށް ދެމިގެންދާ ގޮތަށް އޮންނަން ޖެހޭ ތަނެކެވެ.

"ހުޅުމާލޭ ފަދަ ބޮޑެތި ތަންތަނުގައި ބަހުގެ ހިދުމަތް ދެމުންގެންދަނީ ބޮޑެތި ބަސް ސްޓޭޝަންތަކެއް ގާއިމްކޮށްގެން ކަމަށް ނުވާއިރު ވިލިމާލެ ފަދަ ކުޑަ އަވަށެއްގައި ބޮޑު ބަގީ ސްޓޭޝަނެއް ކޮންމެހެން ބޭނުންވާކަމަށް މި ޖަމިއްޔާތަކުން ނުދެކެން. އެހެންނަމަވެސް ބަގީ ހިދުމަތް ދިނުމަށް ކޮންމެހެން ބަގީ ސްޓޭޝަނެއް ބޭނުންވާކަމަށް ދެކޭނަމަ އެފަދަ ތަނެއް ރަށުގެ މަލަމަތިން ދުރުގައި ހެދިދާނެ." ބަޔާނުގައި ޖަމިއްޔާތަކުން ބުނެފައި ވެއެވެ.

އަދި ބަގީގެ މެއިންޓަނަންސް ޗާޖުކުރުމަށް އެންމެ އެކަށޭނެ ތަނަކީ އެ އަވަށުގެ ސިނާއީ ސަރަހައްދުކަމުގައި އެ ޖަމިއްޔާތަކުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން މިހާރު ބަގީ ސްޓޭޝަން އެޅުމަށް ކަނޑައަޅާފައިވާ ބިމުގެ ބަދަލުގައި އަވަށުގެ ސިނާއީ ސަރަހައްދުތައް ތަނެއްގައި ބަގީ ސްޓޭޝަން އެޅުމަށް ޖަމިއްޔާތަކުން ބަޔާނުގައި ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯލޭ

    ބްރިޖް އެޅިއިރުވެސް ތިމާވެއްޓޭ ކަރަލޭ ފަޅޮލޭވެސްކީ ަ

  2. ޖުމިއްޔަ

    ޖަމުތްޔާތަކުން ތެޔޮލާބަލަ….ހިތުން މާ ތިމާވެއްޓަށް ބަލާ ބަޔަކަށް ވެގަނެގެން….

  3. ޒީރޯ ޓޮލަރަންސް

    ވިލިޖޯލި އަދި ސޭވް ދަ ބީޗް ނިދާފަތޯ؟ ވިލިމާލޭގެ ހާޅަަތު ތިޔަ ޖަމިއްޔާތަކުން ކިހާވަރަކަށް ބަލާބާ؟ ބްރިޖް އެޅެމަށް ގެނައި އެކްސްކަވޭޓަރ ތައް ބީޗްމަތީ ދުއްވާ މުޅި ދެކުނުފަރާތުގެ ރީތި ވެޖިޓޭޝަނާއި ބީޗް އެއޮއްދަނީ ނެތެމުން. ވިލިމާލެ ދެކުނު ފަރާތުގެ ފެހިކަމާއި ބީޗް ރަގަޅުކުރުމަށް މަސައްކަތް ކުރަން އެބަޖެހޭ. ސިޔާސީ ކުލަނުޖައްސާ ވިލިމާޅެ ވެށިރަގަޅުކުރުމަށް ބުރަމަސައްކަތް ވަނީ ކުރަންޖެހިފަ. ކުނިއުކާލާ ގޮޑަކަށް ވިލިމާލެ ވިޔަނުދިނުމަށް ޓަކާ ތިޔަޖަމިއްޔާތަކުން މަސައްކަތް ކުރަން ޖެހޭ. ވިޔާނުދާ އަމަލް ތަކުން، މަސްތުވާތަކެތިންނާއި ވައްކަންކުރުމުން ދުރުވެފަ އޮތް އަދި އަމާން ހިއްފަސޭހަ އަދި މުއައްސަސާތައް ޒިންމާ އުފުލާ ތަނަކަށް ވިލިމާާޅެ ހަދަމާ. ވަގުތުގެ ޓީމުތަކުން ވަޑައިގެން މިރަށުގެ ހާލަތު ރަގަޅަށް ބަލާލަބަލަ.

  4. ޔަޤީން

    ރަމގަޅު ވާހަކަ އެއް ޑރ މުއިއްޒު ޖަމްޢިއްޔާ ތަކުގެ މިވާހަ ބޮލާލާ ނުޖަހާނެ ކަމުގެ ޔަގީންކަން އެބައޮތް.