ހދ.ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަމުންދާ ބަނދަރާ އިންވެގެން ތަރައްޤީކުރާ މިބަނދަރަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ލޯނު އެހީގައި ތަރައްޤީކުރާ ބަނދަރެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީ މިއަދު ހުޅުވާލާފައިވާއިރު، ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 1500 ރުފިޔާ އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 180،00.000 ޑޮލަރު ބަހައްޓަން ޖެހެ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭގޮތަށް ހުޅުވާލާފައިވާ މިބިޑުގެ ޕްރީބިޑް މީޓިން އަންނަ ސެޕްޓެމްބަރ މަހުގެ ހަވަނަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުޅުވަން ނިންމާލައިވަނީ ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 14:00 ގައެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓަރު ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ރާއްޖޭގައި ހަދައި އެންމެ ތަނަވަސް އަދި ބޮޑު ބަނދަރުގެ ގޮތުގައި ކުޅުދުއްފުށީ ބަނދަރު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބަނދަރުގެ ބޭރު ތޮށީގައިވެސް އޮޑި ދޯނި ފަހަރު އެޅޭގޮތަށް ވަރަށް ފުރިހަމައަށް ތަރައްޤީ ކުރާ ބަނދަރުގެ ދިގުމިނުގައި 1100 ފޫޓް އަދި ފުޅާ މިނުގައި 500 ފޫޓް ހުންނާނެ ކަމަށްވެސް މުއިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކުޅުދުއްފުށީގައި ބޭއްވި “އުދުހޭ” ޖަލްސާގައި ވާހަކަދައްކަވަމުން ހައުންސިން މިނިސްޓަރ ޑރމުހައްމަދު މުއިޒް ވިދާޅުވެފައިވަނީ، ބަނދަރުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލެއް ހަދަން ހަމަޖެހިފައިވާއިރު އެތަނުގައި ތަފާތު ވިޔަފާރިތަށް ކުރެވޭގޮތަށް ހަމަޖެހިފައިވާނެ ކަމަށެވެ. އަދި ބަނދަރު ބަލަހައްޓާނެ ގޮތާއި ބަނދަރުން ނަފާ ހޯދާނެ ގޮތުގެ ތަމްރީންވެސް ކަމާ ބެހޭ ފަރާތްތަކަށް ދޭނެކަމަށްވެސް މިނިސްޓަރު މުއިއްޒު ވަނި ވިދާޅުވެފަ އެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު މަންޒިލަކަށްވާއިރު، ބޮޑެތި މާލެ ދަތުރުކުރާ ދޯނިތަކާއި، ސަޕްލައި ދޯނިތަކުގެ އިތުރުން ހއ، ހދ އަދި ށ ގެ ރަށްތަކުން ކުޅުދުއްދުއްޓަށް ދަތުރުކުރާ ފެރީތަކާއި، ލޯންޗުތައް މައި ބަނދަރުގެ ގޮތުގައި ކުޅުދުއްފުށީ ބަނދަރު ބޭނުންކުރާތީވެ އެރަށުގައި މިހާރު ބޭނުންކުރަމުންދާ ބަނދަރު ކުޑަވެ އެކަމުގެ ދަތިކަން އުތުރުގެ ރައްޔިތުން ތަހައްމަލް ކުރަމުންދެއެވެ.

ދަތުރުފަތުރުގެ ނިޒާމް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި މި ސަރުކާރުން އެ ރަށުގައި ތަރައްޤީ ކުރަމުންދާ އެއާޕޯޓްގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި ސަރުކާރުގައި ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާއިވާކަންވެސް ފާހަގަކޮށްލެވެއެވެ.