މަޖިލީހުގެ ދާއިިމީ ކޮމިޓީތަކަށް އެމްޑީޕީން އައްޔަންކޮށްފައިވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެ ޕާޓީން މަޖިލީހަށް ހުށަހެޅި ނަމަވެސް އެހުށަހެޅުމަށް އަމަލު ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު މަޖިލީހުގެ ވަޓްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަހާ ހިނދަކު މެންބަރުންގެ އެދުމާއި އަދި ރުހުމާއި ނުލައި މަޖިލީހުގެ އެއްވެސް ކޮމެޓީއަކުން އެއްވެސް މެންބަރަކު ވަކިނުކުރެވޭނެ ކަމަށެވެ. "މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތައް ހިންގަވަން އޮންނަތަނެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ރައްދުދެއްވައި މެންބަރު ހަސަން މުޣުނީ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މަޖިލީހަކީ ވެސް ރިޔާސަތުގައި އިންނަ މީހަކު ބޭނުން ގޮތަކަށް ހިންގަން އޮންނަތަނެއް ވެސް ނޫން ކަމަށެވެ. "ގައުމު ހިންގަން ހަވާލު ކުރީމަވެސް ތިފާޑަށް އުޅެން އުޅުނު." މުޣުނީ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ސޮއި ކުރައްވައި ނަޝީދަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ އަށް ކޮމިޓީއެއްގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުމަށް އެދިފަ އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައި އޮންނަނީ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ހުށަހަޅާނީ މެންބަރުން ނިސްބަތްވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ކަމަށެވެ. މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތަކީ ވެސް ޕީޖީ ލީޑަރު ކޮމެޓީއަކަށް ބަދަލެއް ގެންނަން އެދުމުން މަޖިލީހުގެ އިދާރާ އިން އެބަދަލު ގެނެސް، ޖަލްސާއެއްގައި ރިޔާސަތުން އެކަން އިއުލާން ކުރުމެވެ.

ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި އާއްމުކޮށް މަސައްކަތެއް ކުރަން ނުޖެހޭ، އަދި މާބޮޑު ބާރެއް ވެސް ނޯންނަ ކޮމެޓީތަކަށް ބަދަލު ކުރަން އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.

އަސްލަމް ހުށަހެޅި ބަދަލުތަކުގެ ތެރޭގައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފުގެ ކޮމެޓީން ވަކިކުރުމަށާއި އާންމު ކޮމިޓީއަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު، ޔާސިރު އަބްދުއްލަތީފް އައްޔަން ކުރުމަށާއި ޕެޓިޝަން ކޮމިޓީއަށް ވިލުފުށި ދާއިރާގެ މެމްބަރު، ހަސަން އަފީފާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، ހަސަން ލަތީފު އައްޔަން ކުރުން ހިމެނެއެވެ.

ސްޓޭޓް އޯންޑު އެންޓަޕުރައިޒަސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބު ކޮމެޓީން ވަކިކުރުމަށާއި ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ ދާއިރާގެ މެމްބަރު، ހަސަން ލަތީފު ކޮމެޓީން ވަކިކޮށް އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާއު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ ކޮމެޓީން ވަކިކޮށް ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ހިމެނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން އިޖްތިމާއީ ކޮމިޓީއަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ އައްޔަން ކުރުމަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހުޅުދޫ ދާއިރާގެ މެމްބަރު، އިލްޔާސް ލަބީބު އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަލީ އާޒިމް ވަކިކުރަން ވެސް އަސްލަމް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލި ރަހާ

    ބަރާ ބަރު!

  2. ވަނަވަރު

    ތިގޮލާ ވީ އަވަހަށް މަޖިލީސް ރައީސްކަމުން ވަކިކުރަން

    13
    5
  3. ހެ

    މިކަލޭގެ ރައީސް ކަމުން ވަކިކުރަންވީ އޭރުއޮންނާނެ ރާކަނިމަސް ލެވިފަ

    16
    4
  4. އެލޮކޮސް

    މީނަ ރައީސްކަމުން ވަކިކުރަން ވީނުން އޭރުން ބަކަރި މަހާ އައްޓަމަސް ވަރަށް މީރުކޮށް ރިހަ ހަދައިލައިގެން ކެވޭނެ!

  5. ޥަފީ

    ރައްޔިތުންގެ ވޯޓުހޯދައިގެން މަޖިލީހަށް އައިސް ތިބެ މިހިންގަނީ ޕާޓިގެ ބޭނުން. ރައްޔިތުންގެ ކަނޑު ވިއްކާލާފަވެސް މިއުޅެނީ ތިމާމެން ހިތަށް އެރިގޮތަކަށް ކަންކަން ކުރެވޭތޯ. ސޯލިހުއަށާއި އަނެއް ދޭއްޗަށް އަހުވަފެންނާނެ.

    2
    3
  6. ރިތާ

    މީނާ އަވަހަށް މަޖިލިސްގެ ރައީސް ކަމުން ވަކިކުރޭ.