އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރުމުމާއި ގުޅިގެން ކޯފާ އިސްކުރައްވައި ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޮރިޝަސް އާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް އެޑްހޮކް އާބިޓްރޭޝަން އުސޫލުން ކުރިއަށް ގެންދިއުމަށް މޮރިޝަސް އިން 2019 ވަނަ އަހަރުގެ ޖޫން މަހުގައި ހުށަހެޅި ކަމަށެވެ.

އެހެން ނަމަވެސް ރައީސްގެ ނިންމެވުމުގެ މަތިން އެ މައްސަލަ އިޓްލޮސް އަށް ހުށަހެޅުމުން ރާއްޖޭގެ ބައެއް މިވަނީ ގެއްލިފައި ކަމަށެވެ.

"މިކަމުގައި މަޖިލިސްގެ ނިންމުމެއް ހޯދާފައެއް ނުވޭ. ރައީސުލްޖުމްހޫރިއްޔާގެ އިހުމާލުއެބައޮތް. ވީމާ ޕާޓީއިން ވަކިކުރަންވީ މެމްބަރު އަލީ އާޒިމެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއިން އާޒިމް ވަކިކޮށްފައިވަނީ އިއްޔެ ވަގުތެއްގަ އެވެ. އެ ނިންމުން ނިންމާފައި ވަނީ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން އެދުމުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އާޒިމް ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދި ފަހުން އާޒިމް ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އުފައްދާފައިވާ "އިދިކޮޅު އިއްތިހާދު"ގެ ބައްދަލުވުމެއްގައިވެސް ބައިވެރިވަޑައިގަންނަވާފައެވެ. އަދި އޭގެ ފަހުން އެކަމާއި ގުޅޭގޮތުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެވެ.

އާޒިމް އެމްޑީޕީން ވަކިވެފައިވާކަން ނިންމީ އެ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއ

    މިރާއްޖެ އިންސާފުގެ މަގައް ނުވަތަ ސަލާމަތުގެ މަގައް އަންނާނީ މަސައްކަތުމީހާއާ ރައީސްމީހާގެ މުސާރައިގެ ތަފާތު ދެގުނައައްވުރެ ތަފާތު ނުވި ދުވަހަކުން.!! މިހުރިހާ ނާޖާއިޒު ނުފޫޒު މިހިންގެނީ ކަނޑައެޅިގެން މުސާރައޭ ކިޔާފަ ހުދު ގިރުވާނުގަތިބެ މި މަގުފޭރި ހީލަތުގެ ތެރެއިން ނަގާ ފައިސާއާ ހުރެ އެކަކުގެ މަގާމު އަނެކަކު ބޭނުންވެ ދަމަހައްޓަން ބޭނުންވުން.!!!