ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އުފައްދަވަން ނިންމާފައިވާ ސިޔާސީ ޕާޓީ، "ފިކުރެއްގެ ދިރުން" އާ އިއްތިހާދު ނުވަތަ ކޯލިޝަން ހަދަން ޖެހޭ ހާލަތުގައި އެކަން ވެސް ކުރައްވާނެ ކަމަށް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް ވަފާތެރި ބޭފުޅުން ބޮޑުފެންވަޅުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އީވާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި ހަމައެގޮތަށް އިއްތިހާދު ވާން ޖެހޭ ސިޔާސީ ޕާޓީއަކާ އެކުގައި އިއްތިހާދުވާން ތައްޔާރަށް ތިއްބެވި ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓަކު ނެރޭނަން. ނަމަވެސް އަޅުގަނޑުމެން މިތިބީ ވަރަށް ތައްޔާރަށް. އިއްތިހާދުވާން ޖެހޭ ސިޔާސީ ޕާޓީއަކާ އެކުގައި އިއްތިހާދު ވާން ޖެހޭ ހާލަތެއްގައި އަޅުގަނޑުމެން އިއްތިހާދު ވާނަން،" ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އީވާ ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަޝީދު މި ފަހުން ގެންދެވީ އެމްޑީޕީއާ "ފެއަށް" ޖެހިވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކުގައި ސިޔާސީ މަސައްކަތްތައް ކުރައްވަމުންނެވެ. އަދި ނަޝީދު އިސްވެ، އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން އެކުގައި ސިޔާސީ ބައްދަލުވުންތައް ޖޭޕީން އައީ ބާއްވަމުންނެވެ.

ނަޝީދުގެ ފަރާތުން ޖޭޕީއަށް ބޮޑު ދެ ކަމެއް ވަނީ ހުށަހަޅައިފައެވެ. އެއް ކަމަކަށް އޮތީ ނޮވެމްބަރު 17، 2023 ގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ކުރިން، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުތޯ ނުވަތަ ބަރުލަމާނީ ނިޒާމުތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ފެންނަ، ނުފެންނަ ވޯޓަކަށް ދިއުމަށެވެ.

އޭގެއިތުރުން، ގާސިމާއި ނަޝީދާ ދެމެދު ހިނގި އެންމެ ބޮޑު އެއް މަޝްވަރާއަކީ ރާއްޖެ އަށް ބަރުލަމާނީ އާއި ރިޔާސީ ނިޒާމުގެ ސިފަތައް އެއްކޮށްލައިގެން ތަފާތު ނިޒާމެއް ގެނައުމަށް ކުރަމުން އަންނަ މަޝްވަރާތަކެވެ. އެ މަޝްވަރާތަކުގައި މިހާތަނަށް އައިއިރު އެއްބަސްވުމަކާ ހަމައަށް ނާދެއެވެ. އަދި އެ މަޝްވަރާތައް މިހާރު މާ ބޮޑަށް ހިނގަމުން އަންނަ ތަނެއް ނުފެނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށް އާ ސިޔާސީ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.

"ރައްޔިތުންގެ ނިންމުމަކާ ހަމައަށް އެކަން ގެނެސް ދިނުމަށް މަސައްކަތް ކުރާނަން،" އީވާ ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އިރު، ނަޝީދެއް ޕްރެސްގައި ބައިވެރިވެވަޑައިނުގަންނަވައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެ ބޭފުޅުން ޖަވާބެއް ނުދެއްވައެވެ.

އީވާ ހަމައެކަނި ވިދާޅުވީ، ނަޝީދާ ބެހޭ ގޮތުން ނޫސްވެރިން ކުރާ ސުވާލުތައް އެމަނިކުފާނާ ކުރެއްވުން ރަނގަޅު ވާނެ ކަމަށެވެ. ނަޝީދަކީ އަބަދުވެސް ނޫސްވެރިންނާ ބައްދަލުވާ ބޭފުޅެއް ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު ނުކުންނަވަފާނެތޯ ސުވާލު ކުރުމުން ވެސް އީވާ ވިދާޅުވީ އެ ސުވާލަށް ވެސް ޖަވާބު ދެއްވަން އެންމެ ރަނގަޅު ވާނީ ނަޝީދު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަންޑިކުޑަ

    ރައްޔިތުންނޭވެ! ހޭވައްލާ ތައްޔާރުވާށެވެ! މިވާން އުލޭ ކަންތައް ތަކަށް ހުޝިޔާރުވެ، ހޭ އަރާ ތިބޭށެ. މިފަހަރު ބިން ހެލުމަކަށް ވުރެ ވަކި ކުޑައެއް ނުވާނޭކަން ޔަޤީނެވެ.

    10
    2
  2. އީވާ

    ‘އަޅުގަނޑަކީ މިރާއްޖޭގެ ވެރިކަން ބޭނުންވެގެން އުޅޭ މީހެއްނޫން’ މިހެން އެންމެ ގިނައިން ބުނި ދިވެހި ރައްޔިތަކީ ނަޝީދު. މިއަދު މިފެންނަނީ އެކަމާހެދި މީހާ ބުއްދިފިލާގޮސްފަ ހުރިތަން. ތިމާނޫން މީހަކު ވެރިކަން ކުރުމަކީ ގޯހެއް ކަމަށް އަދި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގަބޫލު ކުރުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސްކަމަށް ހަދައިފި.

  3. އަލީ

    ގާސިމާ ވެސް ކޯލިސަން ހެދިއެއްނު. ބޮޑުވަޒީރު ކަން ނުދިނީމަ ވަކިވާން ޖެހުނީ

    9
    1
  4. Anonymous

    ސަރުކާރުން ލިބޭ މިންވަރު މަދުވެގެން ގޮޅީގަޔާއި ގޮނޑީގައި ސޭލް އަޅުވާ ނީލަން ކިޔާއިގެން މިއުޅެނީ، ހައްތާވެސް މިއުޅެނީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

    6
    1
  5. އަލީ ލަޠީފް

    100 ޕަސަނޓު ޔަގީންކަމެއް.... ކަލޭމެން ބަޔަކާ ކޯލިޝަންހަދައިގެން ބައިތުލްމާލުން ކަލޭމެނަށް ބައި އަޅަންއޮތް ހުރިހާ ގޮތެއް ހޯދާނެ

    9
    1
  6. މޯރޗް

    ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓިއެއް އުފެއްދުމުން އެއީ ކޮންފިކުރެއް ކަމެއް ސާފު ނުވާތީ ޮ ޕާޓީއަށް ވަންނަން ރައްޔިތުންނަށް ދަތި ވެދާނެ. ދިރުވަން އެއުޅޭ ފިކުރެއްގެ ނަމާއެކު ދެން ޕާޓީގެ ނަން ގެނައުން ރަނގަޅު.މިސާލަކަށް ޤައުމީ ފިކުރުގެ ދިރުން ،، ދިވެހިރައްޔިތުންގެ ފިކުރުގެ ދިރުން ،،ދިވެހި ފިކުރެއްގެ ދިރުން ، ދ މޯލްޑިވިއަން ވިޝަނަރީ ޕާޓީ.

  7. ހުޅުބު

    ތި ބައިގަނޑު ވައްދާނެ ކޯލިޝަނެއް ނޯންނާނެ...ތެޅިތެޅި ބަލިވާން ޖެހޭނީި.

  8. ގުނބޯ

    ރައްޔިތުން ސަމާލުވޭ. މީ ނަސީދު ފަހަތުގަ ހުރެގެން ޖައްސާ ގޭމެއް!! ނަމަ ނަމަ ނުހެއްލޭތި މިމީހުނާ

  9. ނޯބަރުލަމްއާނީ

    ބަލަ 2007ގަ ރައްޔިތުން އޮތީ މިތާނގަ އޮންނަންވީ ނިޡާމް ކަނޑައަޅާ ނިންމާފަ ދެން އިތުރު ނިޡާމެއް ނާންނާނެ

  10. އައްމަޑޭ

    ބޮޑެތި ވަގުން މިހިރަ ފާޅުވީ... ޑިޒައިނިންގ ހުރިހާ ޕްރޮޖެކްޓުތަކެއް އީވާގެ ރިޔަން ކުންފުނިން ... ކިހާ ބޮޑު ވައްކަމެއްތަ؟
    މިވަގުންތައް ޖަލަށްލުމަށް ހުކުމް ކުރާނެ ކޯޓެއްވެސް ނެތީތަ؟ އިއްޔެ މިމީހުން ވަގަށް ގޮވީ ޔާމީނަށް... އިންޝާﷲ މިވަގުންތައް ޖަލަށް ވަންނާނެ

  11. ހަގީގީ

    އިންޑިޔާ އެޖެންޓުން ގޮސް އިންޑިޔާގަ ޕާޓީ ހަދާގެން ބޮޑުވަޒީރުކަމަށް ކުރިމަތިލާންވީނުން. އަހަރެމެނަށް ފަރުވާލެއް ނެތް ތިފަދަ ޕާޓީ ހެދިޔަސް ނެހެދިޔަސް. ބޭނުންވަނީ ވަތަނީ ލީޑަރުން.

  12. Anonymous

    ކޮބާ ދެފުއްކެހެރި ޗެކްމާރކް. ފިލީ ދޯ. ދާނެ ނުދާނެ ކޮޅެއް ނޭގިފަ އެހެރީ މިހާރު. އަމިއްލަ އެދުންބޮޑުކަމުން. ފިލާފަ ހުއްޓަސް މެންބަރުކަމެއް ދެނެއް ނުލިބޭނެ. ސަލާމް.

  13. Anonymous

    ޗެކްމާރކް މިތަނުން ނުފެނުމަކީ ވަރަށް ހީލަތްތެރި ކަމެއް. ޗެކްމާރކް ނަޝީދު އާއްކޮށް އުޅެފަ ފިލުމުގެ އަސްލަކީ އޭނަގެ އަންހެން ދަރި އެހުރީ ސިންގަޕޫރުގެ އެމްބަސީގެ ވަޒީފާގަ މިލިއަނުން ރުފިޔާދީފަ ބަހައްޓާފަ. އެހެން ވީމަ ފިލާނެ. ޗޯރު