ތ. ވޭމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި އެކަމުގައި އިތުރު މަސައްކަތެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ދާއިރާގެމެންބަރު އަދި އެމްއެންޕީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ވޭމަންޑޫ ނަރުދަމާގެ މަސައްކަތުގައި އިތުރަށް ކުރާނެ މަސައްކަތެއް ދެން ނެތް ކަމަށާއި، ދެން އޮތީ ނަރުދަމާ ނިޒާމް ހިންގުމަށް ފެނަކަ އާ ހަވާލުކުރުން ކަމަށެވެ.

ރިޔާޒް ކުރެއްވި ސުވާލަކީ ވޭމަންޑޫގެ ފެނާއި ނަރުދަމާ ނިޒާމުގެ %71 ނިމިފައިވާކަމަށް މިދިޔަ އަހަރުގެ އޭޕްރީލް 17 ގައި ސަރުކާރުން ހާމަކޮށްފައި ވީނަމަވެސް ނަރުދަމާގެ މަސައްކަތް މިހާރު ކުރިއަށްނުދާކަމަށް ފާހަގަ ކުރެވޭތީ، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާ ގޮތަކީ ކޮބާތޯއާއި، އަދި މަސައްކަތް މިހާރު ނިމިފައި ހުރިކަމަށް މިނިސްޓަރ ގަބޫލުކުރައްވާނަމަ ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތް ލިބޭނެ ތާރީހަކީ ކޮބާތޯއެވެ.

ރިޔާޒް ހާމަކުރެއްވިގޮތުގައި މިސުވާލަކީ މިދިޔަ ފެބްރުއަރީ މަހު މަޖިލިހަށް ފޮނުއްވި ސުވާލެކެވެ.

އަސްލަމް ވިދާޅުވީ ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމަށާއި އެ ކޮންޓްރެކްޓް އުވާލީ ކޮންޓްރެކްޓަރުގެ މަސައްކަތްތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ ކަމަށެވެ. އަދި މެންބަރު އެ ސުވާލު ހުށަހެޅުއްވީ ފެބްރުއަރީ މަހު ކަމަށް ވާއިރު އޭގެ ފަހުން ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރު ފެބްރުއަރީމަހު ކުރައްވާފައި އޮތް ސުވާލު ހުށަހެޅި ފަހުން ވަރަށް ގިނަ ކަންތައްތައް ހިނގައިފި. އެނގިވަޑައިގަންނަވާނެ ފަދައިން އެ މަސައްކަތަކީ ވޭތުވެ ދިޔަ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރަމުން ގެންދިޔަ މަސައްކަތެއް. ޕުއަރ ޕާފޯމަންސް ދެއްކުމުން އެ ކޮންޓްރެކްޓަރ ޓާމިނޭޓްކުރީ. ދެން ސަރުކާރުން ނިންމީ އެމްޑަބްލިޔުއެސްސީ އާ ޑައިރެކްޓްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިޔަށް ގެންދަން. މިމަސައްކަތްތައް ނިމިފައިވަނިކޮށް ދާދި ފަހުން ކުރި ވިއްސާރައިގައި ނަރުދަމާގެ އައުޓްފޯލް ހޮޅި ޑިސްޕްލޭސްވެގެން އެމަސައްކަތްވެސް އަލުން ކުރަން ޖެހިގެން ދެން އެމަސައްކަތްވެސް އެމްޑަބްލިޔުއެސްސީން ވަނީ ކޮށް ނިންމާފައި." މިނިސްޓަު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި މަސައްކަތް އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިޔަށް ގެންދަނިކޮށް ވިއްސާރައިގެ ސަބަބުން ނަރުދަމާގެ އައުޓްފޯލް ހޮޅި ޑިސްޕްލޭސްވި ކަމަށާއި އެ މަސައްކަތް އެމްޑަބްލިއުއެސްސީން އަލުން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެތަން އޮޕަރޭޝަނަލައިޒް ކުރުމަށް ކުރިއަށް ގެންދަން ކުރަން ޖެހޭ ކަންކަންކޮށް ނިންމާފައިވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވޭމަންޑޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމުގެ ދަށުން އެ ރަށުގެ 497 ގެއަކަށް މި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން، މި މަސައްކަތުގެ ދަށުން ވޭމަންޑޫގައި 10.31 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމެއް ގާއިމުކޮށް ތިން ޕަމްޕް ސްޓޭޝަން ބަހައްޓާފައިވެއެވެ.

ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްފަހު، ހިދުމަތް ދޭން ފެނަކައާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން އަންނަކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނާ

    ކަލޭތިިހިރީ އައްޑުއާްއަށް އައިސްފަ މުޅިއައްޑޫގަ ހުރިހާމަގެއް ހަދާނިންމަލަފަގޮހެއްނޫން!! ކަލޭދޭ ރާބޮއިގެން ޖުވާކުޅެން އެނޫންކަމެއްކުރާކަށް ކަލޭމެންނަކަށްނޭގޭނެ!