މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބޭނުންވަ ފަރާތްތަކުން ލޯނަށް އެދުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ މަސް ދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކޮށް މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި، މަސްވެރިކަން ރަނގަޅު ދުވަސްވަރު އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް، ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި އިކޮނޮމިކް މިނިސްޓްރީ އާއި، ފިޝަރީޒް މިނިސްޓްރީ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެންނެވެ.

މިޕްރޮޖެކްޓްގެ ދަށުން މަސްވެރި އުޅަނދުތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު (އާރއެސްޑަބްލިޔު) ސިސްޓަމް ގާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލަރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާގޮުން، ފުރަތަމަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރު ފެށިފައެވެ.

މިއީ މިލޯނަށް އެދުމަށް ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ.

މި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ރަޖިސްޓަރ ކުރެވިފައިވާ އުޅަނދަކަށްވުމާއި މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން ހިމެނެއެވެ. މީގެ އިތުރުން 50 ފޫޓަށްވުރެ ދިގު އުޅަނދަކަށްވުމާއި، މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި އުޅަނދަކަށް ވާންޖެހެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 23 ން 31 ޑިސެމްބަރ ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އެސް.ޑީ.އެފް.ސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ. އެޕްލިކޭޝަންތައް ލިބޭ މިންވަރަކުން ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.