ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބައިވެރިވުމެއް އޮތް ކަަމަށް ބުނެ ވާހަކަދައްކަވަމުން ގެންދަނީ ހަމަލާގެ ސީރިއަސްކަން ގެއްލުވާލަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ގައި ބޮމުގެ ވަރުގަދަ ހަމަލާއެއް ދިނީ ގ. ކެނެރީގެ ކައިރިންނެވެ. ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މި ހަމަލާ ދިނީ ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާއެވެ.

މި ހަމަލާއާ ގުޅިގެން އިއްޔެ ބައެއް މަޖިލީސް މެންބަރުން ވަނީ ޖަލްސާގައި ރައީސްގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުއްވާފައެވެ.

އެގޮތުން މަޖިލިހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންތިހާ އަށް ނުރައްކާތެރިވެފައިވާ ކަމަށެވެ. މާލޭގެ މަޖީދީ މަގުގައި ރަމަޟާން މަހެއްގެ ރޭގަނޑު 8:30 ހާއިރު ބޮމެއް ގޮވުމުގެ ކުރިން، އެ ބޮމުގެ މައުލޫމާތު ސީދާ ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"ކެނެރީގެ، ޔާގޫތުގެ، މެރީ ބްރައުން ކައިރިން ބޮމެއް ގޮއްވަން އުޅުނު ކަން ރައީސަށް އެނގޭ"

އޭގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ ނަޝީދު އަވަހާރަ ކޮށްލަން އުޅުއްވީ ރައީސް ކަން މިހާރު އޭނާ އަށް ސާފުވެވަޑައިގެންފައިވާ ކަމަށެވެ.

މިއީ ސީދާ ރައީސްގެ އިސްތަށިފުޅުގައި އެ ތުހުމަތު އެޅުއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން މިއުވާން ވިދާޅުވީ، ނިމިގެން މިދިޔަ ހަފްތާގެ ތެރޭގައި ވާދަވެރި ފަރާތްތަކުން ރައީސްގެ ބޮލުގައި ދޮގު ބަދުނާމު އަޅުވާ ހަދާފައިވާ ދޮގުތަަކަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުލުމުގައި ލިބިދޭ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައިގެން ދައްކަވަމުންދާ ވާހަކައެއް ކަމަށެވެ.

މިއުވަން ވަނީ މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް ވިދާޅުވެފައެވެ.

"ހާއްސަ ގޮތެއްގައި މެއި 6އާ ގުޅުވާފައި ރައީސް ނަޝީދަށް ދެވުނު ހަމަލާގެ، ވާހަކަ ރައީސުލްޖުމްހޫރިއްޔާއާ ކުރިއާލާ އެނގޭ ކަމަށާއި، އެކަން ކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް ދޭހަވާ ގޮތަކަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަަކަށްވެސް އޭގެ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން، ކަނޑައެޅިގެން ބޮޑު ދޮގެއް.".

މިއުވާން ވިދާޅުވީ، އެ ވާހަކަތަކަކީ މެއި ހައެއްގައި ދިން ހަމަލާގެ ސީރިއަސްކަން ގެއްލުވާލާ، ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއިދު އަނބުރާ ހޯދިދާނެ ކަމަށް ދެކެވަޑައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތައް ކަމަށެވެ.

"އެކަމުގެ ހަގީގަތެއް ވާނަމަ މި ދެ ތިން ދުވަހު ހަމައެކަނި މަޖިލީހުގެ ތަޅުގައި ކީއްވެގެންތޯ މި ވާހަކަދައްކަންވީ، އެހެން ޕްލެޓްފޯމްތަކުގައިވެސް މި ވާހަކަ ދެއްކޭނެ ނޫންތޯ.".

ނަމަވެސް ދައްކާ ވާހަކަތަައް ސާބިތުކޮށްދޭން ޖެހޭ ޕްލެޓްފޯމެއްގައި އެ ވާހަކަތައް ނުދައްކަވަނީ ކީއްވެގެންތޯ މިއުވާން ވަނީ ސުވާލު އުފައްދަވާފައެވެ.

"މަޖިލީހުން ބޭރުގައި އެފަދަ އެ އިމްތިޔާޒް ލިބިވަޑައިގަންނަވާ ތަނަކުން ބޭރުގައި އެފަދަ ނުރަައްކާތެރި، އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ބައިބައިވުން އުފެދޭ ވާހަކަތަކެއް ދައްކަައިފިނަމަ ކަމާ ބެހޭ މުވައްސަސާތަކަށް ހުށަހަޅައިގެން އެ މައްސަލަ ބަލާނަން".

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޜައްޔިތުމީހާ

    މިހުވާންތިޔަދައްކާވާހަކަ އަމިއްލައައް ފަހުމްވޭބާ

    9
    1
  2. ހުސެން

    މިއުވާނު ވަޒީފާ އަކީ ސަރުކާރުގެ ދޮގު ތައް ތެދު ކުރުން އަދި ދޮގު ތައް ތެދު ކުރުން ދެން އެހެންވީމާ ސަރުކާރުން ކުށެއް ކުރިޔަސް ރައީސް ކުރިޔަސް އެކަމެއް މިއުވާނަކަށް ނުފެންނާނެ ބުނާނީ އެ ދޮގޭ މިދޮގޭ އޭނަ މީ ތެދެކޭ ބުނެފިތަ އެވާނީ ތެދަކަށް .ސްޕޯކްސްޕާސަނުންނަށް މަނާ ވާނެ ތެދު ހެދުން އެޖެހުނީ ކޮންމެ ގޮތެއް ހަދާފަވެސް ދޮގު ހަދަން މިސާލަކަށް އިރާގު ގެ ސަހާފު ،މިވަރުން ސާފު ވާނެ

  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ޝަރިއްޔަތަށް ސާބިތު ކުރެވޭނެ ކަންކަން: (1) އީވާ ހެކިބަސް ދެއްވާ ގޮތުގައި ހަމަލާ އެއް ދޭން އުޅޭ ކަން އިބޫ އަށް އެންގި. (2) އިލިޔާސް ލަބީބު ވިދާޅުވާ ގޮތުގައި މާރިޔާ އަށް މިކަން އެންގި. (3) ނަޝީދު ބަލި އެނދުގައި އޮއްވާ އިބޫ ނުގުޅާ. (4) ޓީ.ވީ އަށް ބަޔާން ދިނުމަށް އިބޫ އެރިއިރު އުފާފާޅު ކޮށް، ހޭ ތަން އޮޅިގެން ވީޑިއޯ އަށް ނެގިފައިވުން. މަރުގެ އެތި ފަހަރެއް އިންސާނަކަށް ދީގެން އުޅެނިކޮށް އުފާފާޅު ކުރުމާއި، ދެރަވެފައިވާ-ކަން އިބޫގެ ކިބައިން ނުފެނުން.

    9
    1
  4. މާނަ

    ތިކަމުގެ އަސްލުމުގޫ އެހުރީ ވެރިކަމުގަބާ.

    8
    1
  5. ޑައެލޯގް

    އައުވާނު ކަލެޔާއި އިބޫވެސްވަނީ ތިކަހަލަދޮގު 2018 އަހަރު ޔާމީނުގެ ބޮލުގަވެސް އަޅުވާފައެވެ. އިބޫބުނީ ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހަޅައެކޭ ދަރަނީގެ ދަންތޫރައެއް ޖައްސާފިޔޭ، ސްޓިކާޖެހުމާއި ޖޫރިމަނާ އިބޫނުކުރާނެކަމާއި ގޮތްނޭގޭމަރާއި ގެއްލޭމަރާއި އަފްރާޝީމާއި، ދެންމިހެންގޮސް ބައިވަރު ދޮގުހަދާފައެބަހުއްޓެވެ.

    7
    1
  6. ބުރުގާ

    ބޯގޯސް ގަޅިސޮރު!

    6
    1
  7. ފާއިޒު

    މިއުވާނުގެ ޒިންމާ އަކީ ކޮންމެ ކަމެއް އޮޅުވާލުން ހެއްޔެވެ. ބޮމުގެ ޙަމަލާގައި އޭރުވެސް އެދުވަހުވެސް މާރިޔާ ދެކެ ތިބީ ޢާއްމުރައްޔިތުން ރުޅި އައިސްފައެވެ. ނަޝީދުގެ ޢާއިލާވެސް މެއެވެ. ފަހުން އެނގުނީ ރައީސް ރިއެކްޓް ނުކުރައްވާ ކަމެވެ.

    7
    1