އަންނަ ހަފްތާގައި "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވަން ހުށަހެޅުއްވި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ދީފައެވެ. އެއާއިއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މެމްބަރުންގެ ފޯމު ހަމަކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއަށް ވަންނަން ފޯމް ފުރުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް މާލެއާއި ރަށްރަށުން ވެސް ލިބޭ ކަމަށާއި އަދި އަންނަ ހަފްތާގައި ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ ޕާޓީ އެކުލަވާލާނީ އާންމުންގެ ހިޔާލުތައް ވެސް ހޯދައިގެން ކަމަށާއި އެކަމަށްޓަކައި ހާއްސަ ފޯރަމެއް ވެސް ބާއްވާނެ ކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވައިދު އޮންނަންވާ ގޮތާއި އޮނިގަނޑު އެކުލަވައިލުމުގައި ވެސް ހިޔާލު ހޯދާނެ އެވެ.

ނަޝީދު "ފިކުރެއްގެ ދިރުން" ހަރަކާތުން މިއަދު އުފެދިގެން ދިޔަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ 12 މެމްބަރަކުން ވަނީ އެމްޑީޕީއިން ވަނީ އާ ޕާޓީއާއި ގުޅިފައެވެ. އަދި ނަޝީދަށް ތާއީދުކުރާ އެހެން ފަރާތްތަކުން ވެސް ދަނީ އެމްޑީޕީއިން ވަކިވަމުންނެވެ. އެއާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ދެން ވެގެން ދާނީ ދަ ޑިމޮކްރެޓްސްއެވެ.