ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެ ކަމަށް ދިވެހި ސަރުކާރުން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ފޮނުވި ސިޓީގެ ކުރިން މަޝްވަރާތަކެއްކޮށް، އިންޑިއާގެ ދައުރެއް އޮވެގެން ކަންތައްތަކެއް ހިނގި ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޠާރިގު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން 24 ގައި ކޮމަންވެލްތުގެ ވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ދެބޭފުޅުން ރުވާންޑާގައި މޮރިޝަސްގެ ބޮޑުވަޒީރާއި ބައްދަލުކުރި ކަމަށެވެ. އޭގެ ގާތްގަނޑަކަށް އެއްމަސް ފަހުން ޝާހިދު 22 ޖުލައި ގައި ނިއުޔޯކްގައި ހުންނަވާފައި ރާއްޖެ ވެސް ވަޑައިނުގެން އިންޑިއާގެ ނިއުދިއްލީ އަށް ދަތުރު ކުރެއްވިކަން ވެސް ޠާރިގު ފާހަގަ ކުރެއްވިއެވެ.

"އަދި 01 އޮގަސްޓްގައި ރައީސް ސޯލިހް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި. އޭގެފަހުން 22 އޮގަސްޓްގައި ކަނޑު ވިއްކާލި ސިއްރު ސިޓީ މޮރިޝަސްއަށް ފޮނުވާފައި އޮތީ. އަދި ސިޓީ ފޮނުވުމަށްފަހު އޭގެ ހަަދުވަސް ފަހުން 28 އޮގަސްޓްގައި އަނެއްކާވެސް ޝާހިދު ނިއުޔޯކުން، އިންޑިއާގެ ނިއުދިއްލީ އަށް ދަތުރުކޮށްފައި އެބައޮތް." ޠާރިގު ވިދާޅުވިއެވެ.

ޠާރިގު ވިދާޅުވީ ޝާހިދު 28 އޮގަސްޓްގައި އިންޑިއާއަށް ކުރި ދަތުރަކީ ސިއްރު ސިޓީގެ މުގާބިލްގައި ދެން ކުރަން ޖެހޭ ކަންކަން ހަމަޖައްސަން ކުރި ދަތުރެއް ކަމަށެވެ. "އޭގެފަހުން މިވާހަކަ އެއްވެސް ވަރަކަށް ނުދައްކައި ތިބުމަށްފަހު ބަންޑާރަނައިބު އިޓޮލްސްގައި އޮތް ޝަރީއަތުގައި 21 އޮކްޓޯބަރގައި ވިދާޅުވަނީ ތިމަންނަމެން ޗާގޯސްގެ ސިޔާދަތީ ބާރާއި ގުޅޭ ގޮތުން ދެން އދ.ގައި ވޯޓެއް ނަގައިފިނަމަ މޮރިޝަސް އާއި އެއްކޮޅަށް ވޯޓް ދޭނެ ކަމަށް. މިއީ ސިޓީގައި ވެސް އޮތް ކަންކަން." ޠާރިގު ވިދާޅުވިއެވެ.

ޗާގޯސް އާއި ރާއްޖޭގެ ކަނޑު ބެހުމުގެ މައްސަލަ އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ޖޫން 02 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބޮޑު ޖަލްސާ އަށް ހަވަރު ނިކުންނާއި ސިފައިންނާއި ފުލުހުންނާއި އެކުގައި ކަމަށް ވެސް ޠާރިގު މިރޭ ވިދާޅުވިއެވެ. "02 ޖޫންގައި މިނިކުންނަނީ ހަވަރު. ސިފައިންނާއި ފުލުހުން ވެސް ވަޑައިގަންނަވާނެ. ރައީސް ސޯލިހް ބިރުފުޅު ގަތަސް ކުރާނެ ކަމެއް ނެތް. އާދައިގެ ސަރަހައްދުގައި ތިބި ފުލުހުންނާއި ސިފައިން އެރޭ ކާނިވާ ސަރަހައްދަށް ވަޑައިގަންނަވަން ވާނެ." ޠާރިގު ވިދާޅުވިއެވެ.

ޠާރިގު ވިދާޅުވީ މިސަރުކާރު ބަލި ކުރަން ބޭނުންވަނީ ވޯޓުން ކަމަށާއި ނަމަވެސް ރައްޔިތުން ރުޅި އައިސްގެން ނިކުމެއްޖެނަމަ ދެން ވާނެ ގޮތަކާއި ގުޅޭ ގޮތުން އެއްޗެއް ދަންނަވަން ބޭނުން ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަަަދު ދާވޫދު

    ، އަމީނީމަގުގެ ހިސާބްތައް ސިއްރު، ރިސޯޓް ހަދަން ބިޑްލީ ފަރާތް ތައްވެސް ސިއްރު....ހައްޖުކޯޓާގެވެސް އެއްބަަަަައި ސިއްރު، ހިޔާފުލެޓްތަކުން އެއްބަަަައިވެސް ސިއްރު، ބޭރުދަތުރުތަކުގެ ހިސާބު ތައްސިއްރު، އިންޑިޔާ ސިފަަައިންގެ ކަންތައް ސިއްރު، .....ސެޕްޓެމްބަރުގަ ފިސާރި ރަނގަޅަށް ސިއްކަޖަހަންވާނެ، ހަމަރަނގަޅައްވެސް ގަައުމު ވިއްކާލަައިފި.