ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުރި ދަތިތައް ނައްތައިލަ ދިނުމަށް ފ. ނިލަންދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިއްޖެއެވެ.

ކައުންސިލުން މިކަމަށް އެދިފައިވަނީ ރައީސް ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާއިއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު ހަތް ކަމެއް ރައީސް އާއި ހިއްސާކުރައްވާފައެވެ. އެކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރި ދަތިތައް ނައްތައިލުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުމާއި، ފުލުހުންގެ މަރުކަޒެއް ބިނާބކުރުމާއި، އަދި ސިއްޙީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑަޔަލަސިސް ހެދޭނެ ގޮތާއި، ހޮސްޕިޓަލްގައި އައިސީޔޫއެއް ގާއިމް ކުރުމާއި، އިންޖީނުގެ ރީލޮކޭޓްކުރުމާއި، ފެރީގެ ނިޒާމްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމާއި، ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހިމެނެއެވެ.

އޭގެ އިތުރުން، ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ، ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން، ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވައި، ބަނދަރާއި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ހަރާންފައިސާއިން ނިލަންދޫވެސް ގަނެލާށެވެ. މިނޫންދުވަހެއް އިބޫއަށްވެސް އަންނާނެއެވެ. ޒީރޯޓިލަރެންސް އަހަރުމެނެއް ދެނެއް ޖޭފޯއަށްވެސް އިބޫއަށްވެސް ވޯޓެއްނުދޭނަމެވެ.