އައްޑޫ ސިޓީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ސ. ފޭދޫ އެމްޑީޕީ ހަރުގެ މިރޭ ހުޅުއްވައި ދެއްވައިފިއެވެ.

ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ޖަގަހައިގައި ދިވެހި ގައުމީ ދިދަ ނަންގަވައި ދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނިހާދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މިއަދު ހަވީރު ވަނީ މަރަދޫ އަށް ވަޑައިގެން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވައިފައެވެ. އެގޮތުން 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 11 ކިލޯމީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގާނެއެވެ.

ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެން ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މިއީ މި ފަހުން އައްޑޫން ރައީސަކަށް ދެންނެވި އެންމެ ހޫނު މަރުހަބާއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ސިޓީގައި ކުރިޔަށްދާ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބައްލަވައި ލައްވާ ހުޅުދޫގައި ހުންނަ، ޑުރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވާނެއެވެ.

ތިން ދުވަހަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އައްޑޫ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެއެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަފްދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީތާވެދާނެ

    ތިވެސް އަހަރު ދެކޮޅު ހުޅުވާ ހަރުގެއެއް..

  2. Anonymous

    ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުންނާއި އެމްއެމްޕީއާރުސީ އާއި ވޭންޓިލޭޓަރު ޗޯރުން !