ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތް ކަމަށް އެމްޑީޕީ ނަގަން އުޅޭ ވޯޓާ ގުޅިގެން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުއްވައިފިއެވެ.

ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރަން މަޖިލިހުގެ 54 މެމްބަރުންގެ ސޮޔާ އެކު، އެމްޑީޕީން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ހުށަހެޅީ މި މަހުގެ ހަތް ވަނަ ދުވަހުގައެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތަށް" ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް އިއްޔެ ފޮނުވާފައިވާނެ ކަމަށެވެ.

ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން، ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހަކަށް އެ މައްސަލަ އެޖެންޑާ ކުރަން މަޖިލީހުގެ ގަވާއިދުން ލާޒިމުކުރެއެވެ.

އެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހަށް ހަމަވާއިރު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނެއެވެ. އަދި މި މަސް ނިންމާފައި މަޖިލިސް ރިސެސްއަށްދާނެއެވެ. އެހެންކަމުން މި މައްސަލަ އެޖެންޑާ ކުރެވިގެންދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

އެމްޑީޕީއިން މަޖިލިހަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތައް ނަޝީދު ހުއްޓުވާފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލްތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލިހުގައި ކުރަނިކޮށް ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ އަދަދަށް އައި ބަދަލާ ގުޅިގެން އެ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ނިސްބަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ނަޝީދު އެންގެވި ކަމަށް އެ މައްސަލައިގައިވެއެވެ.

ނަޝީދު، މަޖިލިހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ކުރިއަށް ގެންދަވައި މުޅި މަޖިލިހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި މަޖިލިހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ވާގިވެރިވަމުންދާ ކަމަށް ވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބުނެފައިވެއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އަނގަބަހުންނާއި ލިއުމުން ދިފާއުވުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި އޮއްވައި، ރިފްއަތު ލިއުމުން ޖަވާބު ދާރީވުމުން އެކަން ނަޝީދު ގަބޫލުފުޅު ކުރައްވާފައި ނުވާ ކަމަށް އޭގައިވެއެވެ.

އަދި ބަންޑާރަ ނައިބު މަޖިލިހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން ރިޔާސަތުގައި އިންނަވައިގެން ނަޝީދު އެކަށީގެންވާ ފުރުސަތު ދެއްވާފައި ނުވާ ކަމަށް ބުނެފައިވެއެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކުރާ އެއް ތުހުމަތަކީ މަޖިލިހުގެ މެމްބަރުންނައި އިންޒާރު ދެއްވައި ފުރައްސާރަ ކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނު

    ކޮންދެބޯގެރިއެއްދުއްވަނީ! އަހަރުމެން ކަލޭމެންގެ ޑްރާމާތަށް ބަލާކަށް ބޭނުމެއްނޫން!

  2. ތުއްތުނާ

    މިހާރުއެހުރީ އިތުބާރުނެތްކަމަށް ފާސްވެފަ. އެނގޮޑިއަށް ލޯވެސްއަޅާނެކަމެއްނެތޭ !

  3. ހުދުބޯ އިބްރާހީމް

    ރައްޔިތުންނަށް ބޭނުންތެރި ބިލްތައ ހުންނާނީ ވެރިކަން ނިމެން 2 މަހަށް ވަންދެއް ބެހެއްޓިފަތޯ

  4. ގޮވެލި

    ފަތުއަޑުކިޔާފަ 3މަސްތެރޭގަ ބިލްތައް ނިމާގޮތައް އޮތީ

  5. ޝަައިޚް

    ޅާދީނި އެމް ޑީ ޕީ ލާދީނީ މިގައުމަށް ފެތުރި ގައުމު ވީރާނާވެއްޖެ . ޢިސްތިއުފާދީ ބަލަ ތި ބައިގަޑު .