ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ހުށަހަޅާފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މަޖިލިސް ރަނގަޅުގޮތުގައި ފަންކްޝަން ނުކުރާ ކަމަށެވެ. އަދި މަޖިލީހުގެ ކަންކަން ރަގަނޅުކުރުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަންޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މަޖިލިސް މިހާރު ކުރިޔަށް ގެންދަނީ ޤަވައިދާ އެއްގޮތަށް ނޫން ކަމަށާއި މަޖިލިސް މިިހާރު ރަނގަޅަށް "ފަންކްޝަން" ކުރަމުން ނުދަނީ، އެންމެންވެސް އުސޫލާ ހިލާފަށް ކަންކަން ކުރާތީ ކަމަށެވެ. ހަމައެއާއެކު މަޖިލީހުގެ ރައީސާ ދެކޮޅަށް ހުށަހެޅުނު އިމްތިޔާޒުގެ މައްސަލަ އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހެޅުނު މައްސަލައެއް ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

"މިއަދު ހެނދުނު ހުށަހެޅުނު އިމްތިޔާޒުގެ މައްސަލަ، މަޖިލީހުގެ ރައީސާ ދެކޮޅަށް ހުށަހެޅުނު އިމްތިޔާޒުގެ މައްސަލައަށް ބަލާއިރު އެއީ ހަމަ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހެޅުނު މައްސަލައެއް،" އުޝާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ މިއަދު މަރަދޫ ދާއިރާގެ މެންބަރު އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު ވަޑައިނުގަންނަވާތީއެވެ.

އުޝާމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސް ގަވައިދާ ޚިލާފުވެއްޖެނަމަ ޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި އެ އިޖުރާތްތަކާ އެއްގޮތަށް އަމަލު ނުކޮށް ހިތަށް އެރި ގޮތަކަށް މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައި ފާސްވެގެން ބަހުސް ކުރަން ފެށީމަ އެއީކީ އުސޫލެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެ ކަމަށް ވާނަމަ އަމަލުކުރަން ޖެހޭނެ ގޮތަކީ މަޖިލީހުގެ 42 ވަނަ ޗެޕްޓަރުގައި އޮންނަ އިޖުރާތްތަކުގެ މަތިން. އެކަމަކު އެ އިޖުރާތްތަކާ އެއްގޮތަށް އަމަލު ނުކޮށް ހިތަށް އެރި ގޮތަކަށް މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައި ފާސްވެގެން ބަހުސް ކުރަން ފެށީމަ އެއީކީ އުސޫލެއް ނޫން."

އުޝާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އޮތް ވާހަކަ ދައްކާއިރު، އެ ދެބޭފުޅުން ދައުރުގެ މެދު ތެރެއިން ވަކިކުރުމުން އަމަލުކުރާނެ ގޮތްވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައެއް ނެތެވެ.

"އަޅުގަނޑުމެންނަށް ރިއަލައިޒް ވޭތޯ މަޖިލީހުގައި ހިނގަމުންދާ ދައުރެއްގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކޮކޮށްފަ ދެން އަމަލު ކުރަން ޖެހޭނެ ގޮތެއް މި [މަޖިލީހުގެ] ގަވާއިދުގައި ނެތޭ ލިޔެފަކާއެއް. އަޅުގަނޑުމެންނަށް ވެސް އެނގޭ ނެޗުރަލީ ދެން ކުރަން ޖެހޭ ކަމަކީ އެ މަގާމަށް މީހަކު އިންތިހާބު ކުރުންކަން،" އުޝާމް ވިދާޅުވި އެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދުގައި ވަރަށް ގިނަ އުނި ކަންކަން ހުރިކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ އެ ގަވާއިދު އިސްލާހުކޮށްގެން މެނުވީ ދެން މަޖިލީހުގެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަކު އަނެކަކަށް ގޮތް ދޫކޮށް، މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްގެން ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.