ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ ހިޔާނާތާއި ގުޅޭ ޝަރީއަތް މިއަދު ވެސް ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޝަރީއަތް ވެސް ކެންސަލް ކުރީ އެމައްސަލައިގައި ދެން ދައުވާ ކުރާ މއ. ކުރިކީލަހިޔާ އަހުމަދު ކުރި ރިޒާ ބަލިވެ އުޅޭތީ އެވެ. އިއްޔެ ވެސް އެމައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ތާވަލް ކުރުމަށްފަހު ކެންސަލް ކުރީ ރިޒާ ބަލިވެ އުޅޭތީއެވެ.

އެމައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.

މިއަދުގެ އަޑުއެހުންތައް ކެންސަލް ކުރި ނަމަވެސް އީދު ބަންދަށްފަހު އަލުން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން މިހާރު ވެސް ވަނީ ތާވަލް ކޮށްފައެވެ. މިހާރު ތާވަލް ކޮށްފައި ވަނީ ޖުލައި 02 ވަނަ ދުވަހާއި 04 ވަނަ ދުވަހު މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

ފުއްގިރި މައްސަލައިގައި މިހާރު ކުރިއަށް ގެންދަނީ ހެކިބަސް ނެގުމެވެ. މިއަދާއި އިއްޔެ ވެސް ހަތަރު މީހެއްގެ ހެކިބަސް ނެގުމަށް ތާވަލް ކުރިއެވެ.

ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ނިންމަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ޔާމީންގެ ގާނޫނީ ވަކީލުންނާއި، ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ކޮންމެ ހަފްތާއަކު ވެސް ތާވަލް ކުރަމުން ގެންދާތީ ޔާމީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ވެސް ވަނީ ހުރަސް އެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު