"ތޮއްޑޫ އީދު މާ މަޖާ 1444" ގެ ޑިޖިޓަލް ޕާާޓްނަރަކަށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ނެޓްވޯކް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ ތޮއްޑޫގައި މި އަހަރު ފާހަގަކުރާ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން ތޮއްޑޫ ކައުންސިލަށް ފުރިހަމައަށް އެއްބާރުލުން ދޭން އެ ކުންފުނިން ތައްޔާރަށް ތިބި ކަމަށެވެ.

ތޮއްޑޫ ކައުންސިލުން ބުނީ އީދުގައި ރަށަށް ޒިޔާރަތް ކުރާ އެންމެންނަށް އީދު ދުވަހު ފަތިސް ނަމާދުން ފައިބައިގެން ކޮފީ އަދި އީދު ނަމާދަށް ފަހު ސައި ތޮއްޑޫ ރައްޔިތުންގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ހަވާ އެރުވުމާ އެކު، ލައިޓް ޝޯއެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވެއެވެ.

މިކަމަކީ އީދު ފާހަގަ ކުރުމަށް ރަށަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް އެންމެ ފުރިހަމަ މެހްމާންދާރީއެއް އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުނި ގޮތުގައި ތޮއްޑޫގައި އީދު ދުވަހު ހެނދުނު ފެށުމަށް ހަމަޖެހިފައިވާ ވަރަށް ފޯރިގަދަ މަސްހުނި ރޭހެއް ވެސް އޮންނާނެއެވެ. މި ރޭހުގައި ޓީމުތައް ހަދައިގެން އެކިއެކި ވަރަށް ފޯރިގަދަ ތަފާތު މަސްހުނި ކުޅިވަރުތައް ހުންނާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ރަށަށް ޒިޔާރަތް ކުރާ އެންމެންނަށް ވަނީ ހުޅުވާލައިފައެވެ.

ކައުންސިލުން ބުނީ ވަޅު އީދު ދުވަހު ވަރަށް ފޯރިގަދަ މަސް ރޭހެއް ވެސް އޮންނާނެ ކަމަށެވެ. މި ރޭހުގައި ވެސް އީދަށް ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ބައިވެރިވެވޭނެއެވެ. މި މުބާރާތްތަކަކީ ފައިސާގެ އިނާމްތައް ހުށަހެޅިގެން ކުރިއަށް ގެންދެވޭ މުބާރާތްތަކެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

"މި އަހަރުގެ ބޮޑު އީދު ޗުއްޓީގައި ވީހާވެސް ގިނަ ފަރާތްތަކަކުން ތޮއްޑު އަށް ވަޑައިގެން ތޮއްޑޫގެ ހިތްގައިމު ގެސްޓްހައުސްތަކުގައި މަޑުކޮށް ދަނޑުވެރިކަން ތަޖުރިބާކޮށްލައި އަދި ތޮއްޑޫގެ ރީތި ދޮންވެލި ބީޗުތަކުގައި ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުން ވެސް ހިތްއުފާކޮށްލަން ތޮއްޑޫގެ އެންމެހާ ރައްޔިތުންގެ ފަރާތުން ދައުވަތު އަރުވަމެވެ،" ތޮއްޑޫ ކައުންސިލުން ބުނެފައިވެއެވެ.

އެހެން އަހަރުތަކެކެކޭ އެއްގޮތަށް މި މިއަހަރުގެ ހައްޖު ދުވަހުގެރޭ ތޮއްޑޫގައި ވެދުމާ ދިއުމާއި އީދު ބަޑި ރޯކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި މެންދުރު ކެއުމާއި އުޟްހިޔާ ކަތިލުން ފަދަ ކަންކަން ކުރިއަށް ގެންދާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ބޮޑު މަސް، ކޯޑި އަދި މާލި ނެރުމާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވޭ ކުޑަކުދިންގެ ހަވީރަކާއި ހުރިހާ އުމުރުފުރާތަކަށް ހާއްސަ މިއުޒިކް ޝޯއެއް ރޭވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މި ހުރިހާ ހަރަކާތެއްގައި ބައިވެރިވުމަށް ތޮއްޑޫ ކައުންސިލުން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ފަތުރުވެރިންނަށް ދައުވަތު އަރުވައިފައެވެ.

ތޮއްޑޫ ކައުންސިލުން ވަނީ މާލެއިން ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ހައްޖު ދުވަހުން ފެށިގެން އީދުގެ ކުޅިވަރުތައް ނިމުމާ ހަމައަށް އިތުރު ލޯންޗް ދަތުރުތައް ހަމަޖައްސައިފައެވެ.

އަދި ހަމައެއާއެކު، އީދު ދުވަހު ތޮއްޑޫއަށް ކައިރި ރަށްރަށުންނާއި ރިސޯޓްތަކުން ޒިޔާރަތްކުރާ ފަރާތްތަކަށް އެރޭ ޝޯވ ނިމުމުން ރަށަށް ނުވަތަ ރިސޯޓަށް އެނބުރި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ތޮއްޑޫ ކައުންސިލުން ވަނީ ބުނެފައެވެ.

ތޮއްޑޫ ކައުންސިލުން ވަނީ އީދަށް ތޮއްޑޫއަށް ޒިޔާރަތްކުރާ ހުރިހާ އެންމެން ވަގުތު އޮއްވާ ރޫމް ބުކްކޮށް ލޯންޗްގެ ޖާގަ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ. 'ވެލިދޫ ޢީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައިވެސް ދިރާގު ހަމަޖެހިފައިވެއެވެ.