މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޖަލްސާއެއް މިރޭ ހދ. މަކުނުދޫގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެ ޕާޓީގެ އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް މިހާރު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ވަނީ ކުޅުދުއްފުށީގައި ޖަލްސާއެއް ބާއްވަވާ އެ ރަށުގެ ރައްޔިތުންނަށް އެ ޕާޓީގެ މެނިފެސްޓޯ ކިޔާދެއްވަވާފައެވެ.

އަދި މިއަދު ނާޒިމް ވަނީ އެ އަތޮޅު ވައިކަރަދޫ، ނެއްލައިދޫ އަދި މަކުނުދޫއަށް ވަޑައިގަތް ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

އެމްއެންޕީއިން ބުނީ ނާޒިމް ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ 9:00 ގައި މަކުނުދޫގައި އޮންނާނެ ކަމަށެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން" އެވެ.

ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.