ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، އެމްޑީޕީއަށް ނާކާމިޔާބުވި އިރު، ދެވަނަ ބުރުގައި ކާމިޔާބު ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ނުގުޅޭނެތަނެއް ނުފެންނަކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިލެއްވީ ރައީސް ނަޝީދުގެ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބް އަށެވެ. އެހެންވެ ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ ކޯލިޝަނަށް ޑިމޮކްރެޓްސްއާ އެކު ކޯލިޝަން ހަދަން ވަރަށް މުހިންމެވެ.

ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނީ ބަޔަކާ ގުޅިގެން ކަމަށެވެ.

ރައީސް ނަޝީދުގެ ތާއިދު ހޯދުމުގެ ގޮތުން، އެމަނިކުފާނާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަަލަ ވެސް މިއަދު ވަނީ އަނބުރާ ގެނެސްފައެވެ.

ފައްޔާޒް މިއަދު "ދައުރު" އަށް ވިދާޅުވީ ފުރަތަމަ ބުރުގައި ކަންކަން ދިޔަ ގޮތުން ބަދަލު ގެންނަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި ހަމަ އެހެންމެ ވޯޓު ލީ މީހުން މަދުވި މައްސަލަ ހައްލުކުރަން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ހަދަން ހުރިހާ ފަރާތްތަކާއި ވެސް މިހާރު ވާހަކަ ދައްކަމުންދާ ކަމަށެވެ.

ދެވަނަ ބުރެއްގައި ރައީސް ނަޝީދު، ވަކި ޝަރުތުތަކާއެކު ރައީސް ސޯލިހަށް ތާއިދުކުރަން އަދި ނިންމާފައި ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އަދި ކުރަމުންދަނީ މަޝްވަރާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ފެނޭ [ރައީސް ނަޝީދު ސޯލިހާ ގުޅިދާނެ ތަން] އެއީ ގައުމުގެ މުސްތަގުބަލަށްޓަކައި. ވަރަށް ސާފު އަޅުގަނޑުމެންގެ ތެރޭގައި ޖެހިފައި އޮތް ޕާސަނަލް މައްސަލަތަކާއި ހެދި އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ބޭފުޅަކު މި ގައުމުގެ މުސްތަގުބަލު ނަގާލާނެ ކަމަކަށް.". ފައްޔާޒް ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ނަޝިދާ ވެސް ކޯލިޝަން ހެދުމުގެ ވާހަކަތައް ދެކެވޭ ކަމަށާއި އަދި ރައީސް ނަޝީދު، ރައީސް ސޯލިހުއަށް ތާއިދުކޮށް ދެވަނަ ބުރުން ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޡިން

    ﷲ އެދުވަހެއް ނުދައްކަވާނެ . ދިވެހި ގައުމުގެ މިނިވަންކަން ނަގާލިބަޔަކަށް ދިވެހިރައްޔިތުން ވޯޓެއް ނުދޭނެ .ހިޔަޅުން އުޅޭނީ ހިޔަޅުންގެ ތެރޭގައި ކަން އަބަދުވެސް ދިވެހި ރައްޔިތުން ވިސްނާނެ. މުޅިދައުލަތް އެތަށްޖީލަކަށް ދަރުވާލި ދިވެހި ފަސްގަނޑާއި މަސްކަނޑު ވިއްކައިލައިފި .ދިވެހިންގެ މިނިވަންކަން ގެެއްލުވާލައިފި.